Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ފާއިތުވި ދެމަސް ދުވަހު މުހިއްމު މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް

ފާއިތުވި ދެމަސް ދުވަހު ސަރުކާރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖްލިސް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި ދެމަސް ދުވަހުގެ ތެެރޭ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި ސަރުކާރުން ކުރުމަށް ވައުދުވި ކަންކަމުގެ ތެރޭގައި ހިމެނޭ ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރުމަށް ނަގާ ސްޓޫޑެންޓު ލޯންގެ އިންޓްރެސް 5 ޕަސެންޓުން 3 ޕަސެންޓަށް ދަށް ކުރެފިވައިވާ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު 25 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދުގެ އަގަކަށް ތިރިކުރެވިފައިވާއިރު މަސްވެރިން ގަންނަ ޑީސަލްގެ ޑިއުޓީ ވަނީ ގާނޫނަށް އިސްލާހު ގެނެސް ކަނޑާލާފައެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނުންވެސް ނަގަމުން އައި ޑިއުޓީ ވަނީ ކަނޑާލާފައެެވެ.

ރައީސް ވިދާޅުވީ ފާއިތުވި މުއްދަތުގައި ކަރަންޓުގެ އަގު ހެޔޮކުރެވި، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުން އާސަންދަ ލިބޭނެ ގޮތްވެސް ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރަޕީ އާސަންދައިން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

މި ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް މިހާރު ފެށިފައިވާ ކަމަށާއި ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ އެސްއެމްއީ ބޭންކުގެ ހިދްމަތް އަންނަ މާޗު މަހު ފަށާއިރު ރާއްޖޭގެ އެެއްވެސް ރަށެއް ބާކީ ނުކޮށް ފެނާއި ނަރުދަމާގެ ހިދްމަތް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި މި މަސައްކަތަށް ގާނޫނީ ބާރު ހޯދުމަށް މަޖްލިސްގެ މެޖޯރިޓީ ބޭނުްނ ކަމަށެވެ.