Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ފަންސަވީސްވަނަބައި)

އެދުވަހުގެ ފަހުން އާއިންއާއި އަމީލާގެ މެދުގައިވާ ދުރުކަން އަބަދަށްޓަކައި ނެތިގެން ދިޔައެވެ. ޒަމާންތަކަކަށްފަހު އާއިންއަށް އަނެއްކާވެސް އޭނާގެ މަންމަގެ ލޯބި ލިބުނެވެ. އަދި އަރްވިންއާއި އާއިންގެ މެދުގައިވެސް ގާތްގުޅުމެއް އުފެދުނެވެ. އާއިންއަށް އޭނާގެ އާއިލާ ފުރިހަމަވީ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. އާއިންގެ އުފާވެރިކަން ފެނި އާޒިމްވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. ފަރަހަނާޒްގެ ނަސޭހަތުގެ ސަބަބުން އާއިންގެ ވިސްނުން ބަދަލުވީތީ އޭނާވެސް ހުރީ ނުހަނު އުފާވެފައެވެ.

ދުވަސްތައް އުފަލުގައި ވޭތުވަމުން ގޮސް އާއިންމެންގެ ކައިވެންޏަށް ހަމަސްވާން ގާތްވެފައިވަނިކޮށް ފަރަހަނާޒަށް ބަލިވެއިން ކަމުގެ އުފާވެރި ޚަބަރު ލިބިއްޖެއެވެ. އެޚަބަރުވީ އާއިންގެ އާއިލާއަށް އުފާވެރިކަމުގެ ބަހާރުމޫސުމެއް ގެނުވި ޚަބަރަކަށެވެ. އެންމެންވެސް އުފަލުން އާއިންމެންގެ ދެމަފިރިންނަށް މަރުހަބާ ކިޔެވެ. އެޚަބަރު އަޒީފާއަށް ލިބުމުން އޭނާވެސް އުފަލުން ފޮޅުނެވެ. ނަމަވެސް ޝައުންއަށް އެޚަބަރު ވެގެންދިޔައީ ޒަހަރަކަށްވުރެވެސް ހިތި އެއްޗަކަށެވެ. އެޚަބަރާއެކު އޭނާގެ އުއްމީދުތައް ފެނަށް ވެގެން ހިނގައްޖެއެވެ. މިހާރު ފަރަހަނާޒަކީ ހަމައެކަނި އާއިންގެ ހިތުގެ ރާނީއެއް ނޫނެވެ. އޭނާވަނީ އާއިންގެ އާއިލާގެ އެންމެންގެ ހިތްތައްވެސް ފަތަޙަކޮށްފައެވެ. ޚުދު ޝައުންގެ މައިންބަފައިންވެސް ފަރަހަނާޒްދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާގެ ހިތަށް އެކަމުން ލިބޭ ވޭނެއް އެނގޭ ހަމަ އެކަކުވެސް ނެތެވެ.

ފަރަހަނާޒް ބަލިވެއިނުމުން އާއިންގެ ފަރާތުން ލިބެމުން ދިޔަ ލޯބި ދެގުނައަށް އިތުރުވެގެން ދިޔައެވެ. ކިތަންމެ ބުރަކޮށް އޮފީހުގައި އުޅުނު ނަމަވެސް އިރު އިރުކޮޅުން ގުޅައިގެން ހާލުބަލައެވެ. ފަރަހަނާޒް ކާހިތްވާހާ އެއްޗެއް ހޯދައިގެން ގެނެސްދެއެވެ. ކިތަންމެ ކުޑަނަމަވެސް ތަކުލީފެއް ފަރަހަނާޒަށް ލިބިދާނެތީ އޭނާ ހުންނަނީ ބިރުންނެވެ. އާއިންގެ އިތުރުން އޭނާގެ އާއިލާގެ އެންމެންވެސް ފަރަހަނާޒަށް އަޅާލައި ލޯބިދިނުމުގައި ފޫހިކަމެއްނެތި އެމީހުންގެ ވަގުތުތައް ހޭދަކުރެއެވެ. ޒާހިދާއާއި އާޒިމްވެސް ހަމައެފަދައެވެ. އެންމެންވެސް މިހާރުއްސުރެ އަންނަން އުޅޭ މެހެމާނުގެ އިންތިޒާރުގައި ކެތްތެރިކަމެއްނެތި ވަގުތުތައް ގުނަމުން ދެއެވެ. ހާދީގެ އުފާވެރިކަންވެސް އޭގެ އިންތިހާއަށް ގޮސްފައިވެއެވެ. އޭނާގެ ދަރިފުޅަށް އެހައި ރަނގަޅު އާއިލާއެއް ލިބުނީތީ އޭނާ ޝުކުރުވެރިވެއެވެ. ތޫބާ އިރު އިރުކޮޅުން ފަރަހަނާޒަށް ގުޅާހަދައެވެ. ބަލިވެއިނުމާއެކު ލިބެންފެށި އުނދަގޫތަކުގެ ސަބަބުން ފަރަހަނާޒްވަނީ ކިޔެވުން މެދުކަނޑާލާފައެވެ. އެހެންކަމުން ތޫބާއާ އޭނާއަށް ދިމާވާގޮތެއް ނުވެއެވެ. އައިރާއާއި ހުންނަނީ އަބަދުވެސް ފަރަހަނާޒް ކަމެއް ބޭނުންވޭތޯ ބަލަބަލައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ފަރަހަނާޒްގެ ބަނޑަށް ދެމަސްވެއްޖެއެވެ. އެއްރެއެއްގެ ދަންވަރު ފަރަހަނާޒަށް ހޭލެވުނީ ވަރަށްގަދައަށް ބަނޑުގައި ރިއްސަން ފެށުމުންނެވެ. އޭނާ އާއިންއަށް ގޮވާފައި އެވާހަކަ ބުނުމުން އާއިން ފަރަހަނާޒް ހޮސްޕިޓަލަށް ގެންދިއުމަށް އަވަސްވެގަތެވެ. އިމެޖެންސީ ރޫމުގައި ފަރަހަނާޒް އެނދުމަތި ކުރެވުނުތާ އިރުކޮޅެއްފަހުން ޑޮކްޓަރވެސް އަތުވެއްޖެއެވެ. އަދި ލޭބަރ ރޫމަށް ފަރަހަނާޒް ގެންދެވުނެވެ. އާއިން ހާސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލާހުރި އިރު، އޭނާގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވަމުން ދިޔައެވެ. ގަޑިއެއްހައި އިރުފަހުން ޑޮކްޓަރ ނުކުމެފައި ދިން ޚަބަރުން އޭނާގެ ފައިކޮޅުން ވާގިދޫވިއެވެ. ފަރަހަނާޒްގެ ބަނޑުއިވާ ދަރިފުޅު ބައިގެން ދިޔައީއެވެ. އެހެންކަމުން ޓެސްޓްތަކެއް ހެދުމަށްޓަކައި ފަރަހަނާޒް ހޮސްޕިޓަލްގައި ބާއްވަން ޖެހޭކަމަށްވެސް ބުންޏެވެ.

ފަރަހަނާޒް ވާޑަށް ނެރުނުއިރު އޮތީ ޚަބަރު ހުސްވެފައެވެ. އާއިން ދެރަވެފައި ފަރަހަނާޒްގެ އަތުގައި ހިފާލައިގެން އިންއިރު އޭނާގެ ހިތަށް ތަފާތު އަސަރުތަކެއް ކުރަމުން ދިޔައެވެ. ދެމީހުން އެކުގައި ދަރިފުޅާމެދު ދެކެމުން އައި ފޮނި ހުވަފެންތައް އެހާ އަވަހަށް ވިއްސި ވިހާލިވެގެން ދިޔައީތީ އޭނާއަށް އިނީ އަދިވެސް އެކަން ގަބޫލު ނުކުރެވިފައެވެ. ހަމަ އެހާކުއްލިގޮތަކަށް އެފަދަކަމެއް ދިމާވީ ކީއްވެގެންބާއޭ އާއިންގެ ހިތަށް އަރަމުން ދިޔައެވެ. ފަރަހަނާޒް ބަލިވެއިނީއްސުރެ، އެއްވެސް ގޮތަކަށް ބުރަކަމެއް އޭނާއަށް ކުރާކަށް ނުޖެހެއެވެ. ގިނަ ވަގުތު އޭނާ ދިޔައީ އަރާމު ކުރަމުންނެވެ. އާއިން އަބަދުވެސް ފަރަހަނާޒަށް ފައިދާހުރި ކާނާ ކާންދިނުމަށް މަސައްކަތްކުރިއެވެ. ފަރަހަނާޒް ހޭއެރުން އޭނާ އެޚަބަރުދޭނީވެސް ކިހިނެއް ހެއްޔެވެ؟ ފަރަހަނާޒްގެ ހިތަށްކުރާނޭ އަސަރު އޭނާއަށް އަންދާޒާ ކުރެވެއެވެ. ޚުދު އޭނާއަށްވެސް ކަރުނަތައް އޮއްބާލައިގެން ހުރުންވީ ދަތިކަމަކަށެވެ. ބައްޕައަކަށް ވާން އުޅޭ ޚަބަރު ލިބުމުން އޭނާ ކިހާ އުފާވި ހެއްޔެވެ؟ ނަމަވެސް މިއަދު އޭނާގެ ހިތްވަނީ މޮޅިވެފައެވެ. މިއީ ހުވަފެނަކަށް ވާނެނަމައޭ އޭނާގެ ހިތަށްއެރިއެވެ.

ބައިގަޑިއިރެއްހައި އިރުފަހުން ފަރަހަނާޒް ހޭއެރިއެވެ. އަދި ހައިރާންވެފައި ވަށައިގެން ހޯދާލިއެވެ.

" ނާޒް…މިހާރު ކިހިނެއްތަ؟…" އާއިން އަވަސް އަވަހަށް ކަރުނަތައް ފުހެލަމުން ފަރަހަނާޒްގެ މޫނުގައި ފިރުމާލިއެވެ.

" އާއިން…އަހަރެމެންގެ ބޭބީ…ބޭބީ…" އެހިސާބަށް ބުނެފައި ފަރަހަނާޒަށް ރޮވުނެވެ. އޭނާ ހޭނެތުނީ ދަރިފުޅު ބައިގެން ދިޔަ ވާހަކަ ނަރުސްކުއްޖާ ބުނިފަހުންނެވެ. ހިތާމައިގެން އާހެއް ދޫކޮށްލަމުން އާއިންއަށް ފަރަހަނާޒްގެ މޫނުގައި މޫނުޖައްސާލެވުނެވެ.

" ކެތްތެރިވޭ…އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެމެންނަށް ދަރިޔަކު ލިބިދާނެ…މިއީވެސް އިމްތިހާނެއް…" އާއިން ފަރަހަނާޒަށް ހިތްވަރުދިނެވެ.

ފަތިސްވާންދެން އެންމެ ހިނދުކޮޅަކުވެސް އާއިންއާއި ފަރަހަނާޒް ނުނިދައެވެ. ނަމަވެސް އެއްވެސް މީހަކަށް ގުޅައި އެވާހަކަ ބުނާކަށްވެސް އެއިން އެކަކުވެސް ބޭނުމެއް ނުވިއެވެ.
ހެނދުނުގެ ވަގުތެވެ. ގަޑިން އަށެއްޖަހަން ގާތްވެފައިވަނިކޮށް ނަރުސްކުއްޖަ އައިސް ފަރަހަނާޒްގެ ގައިން ލޭނެގިއެވެ.
އާޒިމް އޮފީހަށްދާން ތައްޔާރުވެގެން އާއިންގެ އިންތިޒާރުގައި ސޯފާގައި އިންނަތާ އެއްތައްއިރެއްވީއިރުވެސް އާއިން ނުނުކުތެވެ. އެހެންކަމުން އާއިންއަށް ނިދިފައި އޮތީކަމުގައި ހިތައި ގުޅާލިއެވެ. ފަރަހަނާޒް އޮތް އެނދުގައި ބޯއަޅާލައިގެން އޮތް އާއިންއަށް ނިދެމުން ނިދެމުންދަނިކޮށް އޭނާ ސިހުނީ ފޯނުރިންގްވާން ފެށުމުންނެވެ. އާއިން ބަލާލިއިރު ގުޅަނީ ބައްޕައެވެ. ބައްޕަ އެގުޅަނީ އޮފީހަށްދާންކަން އެނގޭތީ އޭނާ ކަންބޮޑުވެފައިހުރެ ފޯނުނެގިއެވެ.

" ދަރިފުޅު އަދިވެސް ނުހޭލަނީތަ؟.." ފޯނުނެގުމާއެކު އާޒިމް އަހާލިއެވެ.

" ނޫން…މިއުޅެނީ ނާޒްއާއެކު ބޭރުގަ…ބައްޕަ އޮފީހަށްދޭ…އަހަރެން ދާނަން އިރުކޮޅަކުން…" އާއިން އިނީ ހޮސްޕިޓަލުގައިކަން ބައްޕައަށް އަންގަން ބޭނުން ނުވާތީ އަވަސް އަވަހަށް އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

ގަޑިން ހެނދުނުގެ އެގާރަޖަހަން ގާތްވެފައިވަނިކޮށް ނަރުސް ކުއްޖަކު އައިސް އާއިން ޑޮކްޓަރުގެ ކޮޓަރިއަށް ދިއުމަށް އެދުނެވެ. އާއިން ކަންބޮޑުވެފައިހުރެ ދިޔައެވެ.

" އާދޭ އިށީނދޭ!.." އާއިން ދޮރުހުޅުވާލުމާއެކު ޑޮކްޓަރ ކުރިމަތީގައިހުރި ގޮނޑިއަށް އިޝާރާތްކުރަމުން ބުންޏެވެ.
" ކިހިނެއްތޯވީ ޑޮކްޓަރ؟…ނާޒްއަށް އެހެން ދިމާވީ ކީއްވެގެންތޯ؟.." އާއިން ކަންބޮޑުވެފައި ސުވާލުކުރިއެވެ.
" ތިބޭފުޅާއަކީ ތެލެސީމިއާ ކެރިއަރެއްތޯ؟…" އިރުކޮޅަކު ހިމޭނުން އިނދެފައި ޑޮކްޓަރ ސުވާލުކުރިއެވެ.
" ލައްބަ…ކިހިނެއްތޯވީ؟.." އާއިންގެ ކަންބޮޑުވުން އިތުރުވިއެވެ.

" ކައިވެނިކުރިއިރު ނޭނގޭތޯ ދެމީހުންނަކީ ކެރިއަރުންކަމެއް….ނޫނީ އެނގުނަސް ލޯބިވާލެއް ބޮޑުކަމުން ކައިވެނި ކުރީތޯ؟.." ޑޮކްޓަރގެ ކުޑަކޮށް ނުރުހިފައި ކޮށްލި ސުވާލުން އާއިންގެ ދެލޯބޮޑުވިއެވެ. ފަރަހަނާޒްއަކީ ތެލެސީމިއާ ކެރިއަރެއްކަމެއް ކުރިއަކުން އޭނާއަށް އެނގިފައެއް ނެތެވެ. ޚުދު އޭނާއަކީ ކެރިއަރެއްކަންވެސް އޭނާހުރީ ހަނދާންނެތިފައެވެ.

" އަޅުގަނޑުމެން ކައިވެނިކުރިއިރު ނޭނގޭ….އެއްގޮތަކަށް ހަނދާނެއްވެސް ނެތް އެކަން ޗެކްކުރާކަން…" މާޔޫސްވެފައި އާއިންއަށް ބުނެވުނެވެ.
" ތިގޮތަށް ފަރުވާކުޑަކުރީމަ ފަހުން ކުރަން ޖެހޭ ހިތާމަ ބޮޑުވަނީ….ފުރަތަމަވެސް އަހަރެމެންނަށް ތިއީ ދެކެރިޔަރުންކަން އެނގުނުނަމަ ތަންކޮޅެއް އަވަހަށް ފިޔަވަޅެއް އެޅުނީސް…އެކަމު މިހާރު މިވަނީ ވަގުތު ފާއިތުވެފަ…." މާޔޫސްވެފައި ޑޮކްޓަރ ބުންޏެވެ.
" ތެލެސީމިއާ ކެރިއަރުން ވީމަތަ އެހެންއެވީ؟.." ވިސްނަން އިނދެފައި އާއިން އަހާލިއެވެ.

" ހަމަ ކޮންމެ ތެލެސީމިއާ ކެރިއަރަކަށް މިހެން ދިމާނުވެދާނެ….ފަރަހަނާޒްގެ ކޭސްގަ ކުއްޖާގެ ގްރޯތްވަނީ ހުއްޓިފަ….ދެމަސްވީއިރުވެސް އެއްވެސް ވަރަކަށް ބޮޑެއްނުވޭ….ތިދެމީހުންނަކީ ދެވައްތަރުގެ ކެރިޔަރުންކަމަށްވުން ގާތް….އެހެންވީމަ ގިނަފަހަރު ކުއްޖާ އުފަންނުވަނީސް މައްސަލަތައް ދިމާވެ ބަނޑުގަ ކުއްޖާ މަރުވާގޮތްވޭ…އަދި އުފަންވިޔަސް ޅަފަތުގަވެސް މަރުވުންގާތް….އެހެންވީމަ އަބަދުވެސް ކައިވެނީގެކުރިން ނޫނީ ދަރިން ހޯދުމުގެ ކުރިން މިކަންކަން އެނގެންޖެހޭ….ބަލަންޖެހޭ…ކުރިޔަށް އޮތްތާނގަ ދެމީހުން ވަރަށްބޮޑަށް ސަމާލުވާންޖެހޭ…އަޅުގަނޑުގެ ނަސޭހަތެއް އަހަންޏާ އެންމެ ރަނގަޅުގޮތަކީ ދަރިޔަކު ނުހޯދުން…މުސްތަޤުބަލްގައި ވާނެގޮތެއް އެކަކަށްވެސް ނޭނގޭނެ…އެކަމުވެސް މިކަހަލ މެޑިކަލް ކޭސްތަކުގަ ރިސްކެއް ނެގުމަށްވުރެ ނުނެގުން ބުއްދިވެރި…." ޑޮކްޓަރ މަޑުމައިތިރި ކަމާއެކު އާއިންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

ޑޮކްޓަރގެ ވާހަކަތައް އަޑުއަހަމުން ދިޔަނަމަވެސް އާއިންއަށް އެއްވެސް އެއްޗެއް ވިސްނޭހެނެއް ހިޔެއްނުވެއެވެ. އޭނާއަށް މިލިބުނު ހިތާމަވެރި ޚަބަރުން އޭނާގެ ސިކުނޑިއަށް ޝޮކެއް ލިބުނު ފަދައެވެ. ޑޮކްޓަރގެ ކޮޓަރިން ނުކުތްއިރު އޭނާގެ ބޮލަށް އެނބުރުން އަރައެވެ. ހީވަނީ ވަށައިގެންވީ ދުނިޔެވެސް އޭނާއާއެކު އެނބުރޭހެންނެވެ. ފަރަހަނާޒްއާއެކު އުފާވެރި ޙަޔާތެއް ވޭތުކުރުމަށްޓަކައި އޭނާފެށި ދަތުރުގައި އޭނާއަށް ކުރިމަތިލާން މިޖެހުނީ ވަރަށްވެސް ވަރުގަދަ ތޫފާނަކާއެވެ. އޭނާގެ ޙަޔާތަށް ދެން ދުވަހަކުވެސް ބަހާރުމޫސުން އައިސްފާނެބާއެވެ. އޭނާގެ ލޯބީގެ ގުލްޝަނުގައި ދުވަހުކުވެސް މަލެއްފަރިވެ ފޮޅުން ނެތީހެއްޔެވެ؟ ހިތްހަލާކުވެފައިވާ ހާލު އާއިން ފަރަހަނާޒްގެ ގާތަށް ދިޔައިރު، ކެތްތެރިކަން ކުޑަވެފައި ފަރަހަނާޒް އޮތެވެ.
" ކިހިނެއްވީ؟…ކީކޭ ޑޮކްޓަރ ބުނީ؟.." އާއިންގެ މޫނު ފެނުމުންވެސް ކަމެއް ގޯސްވެއްޖެކަން ފަރަހަނާޒަށް އެނގުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އަހާލިއެވެ.

" ޑޮކްޓަރ ބުނީ ނާޒް ވަރަށްބޮޑަށް އަރާމުކުރަން ޖެހެޔޭ….ރަނގަޅު ކާނާ ކާންޖެހެޔޭ….ފުރިހަމަ ސިއްޚަތު ލިބުނީމަ ނޫނީ ދެން ކުއްޖު ހޯދަން ނުވިސްނާށޭ…." އާއިން ހިނިތުންވެފައި އިނދެ ފައްޗަކަށް އަމުނާލިއެވެ. އޭރުވެސް އޭނާގެ ހިތުން ލޭކަރުނަ އޮހެމުންދެއެވެ. އޭނާބެލީ އެހިތާމަވެރި ޚަބަރު ހަމައެކަނި އޭނާގެ ހިތުގައި ރައްކާކުރުމަށެވެ. ފަރަހަނާޒަށްވެސް އެކަން ސިއްރުކުރުމަށެވެ.

ފަރަހަނާޒް ގޮވައިގެން އާއިން ގެޔަށް އައިސް އެއްވެސް މީހެއްގާތުގައި އެވާހަކަ ނުބުނެ ހަފްތާއެއްވާންދެން އުޅުނެވެ. އަދި ފަރަހަނާޒް ހަމައަކަށް އެޅުމުން ގޭގައި އެންމެން ހަމައަށް ތިބި ދުވަހެއްގައި އޭނާ ދަރިފުޅު ބައިގެން ދިޔަ ޚަބަރު އެންމެނަށް ދިނެވެ. އެޚަބަރު ލިބިފައި އެންމެބޮޑު އަސަރެއްކުރީ ހާދީއަށެވެ. އޭނާއަށް ވަގުތުން ރޮވުނެވެ. ފަރަހަނާޒް ބަލިވެ އިނީއްސުރެ އޭނާދިޔައީ އޭނާއަށް ކާފަކިޔާނެ ދަރިފުޅާމެދު ފޮނި ހުވަފެންތައް ދެކެމުންނެވެ. އެޚަބަރުން އެންމެންގެ މޫނަށްވެސް ހިތާމަވެރިކަމާއި މާޔޫސްކަން ގެނުވިއެވެ.

" ދެރަނުވޭ…އިރާދަކުރެއްވިއްޔާ އަދި ވަރަށް އަވަހަށް އަހަރެމެންނަށް ކާފަކިޔާނެ ދަރިޔަކު ލިބޭނެ…އެހާ އަވަހަށް މާޔޫސްވާ އެއްޗެއްނޫން…" އާޒިމް ހާދީއަށް ހިތްވަރުދިނެވެ. ފަރަހަނާޒް ދެރަވެދާނެތީ ހާދީވެސް ކަރުނަ ފުހެލާފައި ހިތްވަރުކުރިއެވެ. ފަރަހަނާޒްގެ ދަރިފުޅު ބައިގެން ދިޔަ ޚަބަރު އަޒީފާއަށް ލިބުމުން އޭނާވެސް އެކަމާ ހިތާމަކުރިއެވެ. ޚުދު ޝައުންވެސް އެޚަބަރު ލިބުމުން ދެރަވިއެވެ. އޭނާ ހީކުރީ ފަރަހަނާޒަށް ލިބޭ ކޮންމެ ދެރަޔަކުން އޭނާގެ ހިތަށް އުފާލިބޭނެ ކަމުގައެވެ. ނަމަވެސް އެޚަބަރުން އޭނާގެ ހިތަށް ހިތާމަވެރިކަން ގެނުވީ އާއިން ދެރަވާނެ ވަރު ހިތަށްއަރާފައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މަހެއްހައި ދުވަސްވީއިރު، ފަރަހަނާޒްހުރީ މުޅިން ހަމައަކަށް އެޅިފައެވެ. ނަމަވެސް އާއިންގެ މިޒާޖަށްވަނީ ހިމޭންކަމެއް ވެރިވެފައެވެ. ފަރަހަނާޒްއާ ގާތްވާ ވަގުތުގައިވެސް ކުރީގައި އާއިންގެ ކިބައިގައި ހުންނަ ސަމާސާކުރުމާއި ފޯރިވެސް މިހާރަކު ނުހުރެއެވެ. ފަރަހަނާޒް ސުވާލެއް ކޮށްފިނަމަ ބުނަނީ ފަރަހަނާޒް އަވަހަށް ބަލިވެ އިނދެފާނެތީ އެކަމާ ކަންބޮޑުވަނީ ކަމަށެވެ. ހަގީގަތަކީވެސް އެޔެވެ. އޭނާ ވިސްނާނުލައި އުޅެނިކޮށް އަނެއްކާވެސް ފަރަހަނާޒް ބަލިވެ އިނދެފާނެއެވެ. އަދި ހަމަ ކުރިން ކުރި ހިތާމަ ތަކުރާރުވެދާނެއެވެ. ނޫންނަމަ އެއަށްވުރެވެސް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން އޭނާ އުޅެނީ ވަރަށް ވިސްނައިގެންނެވެ.

**** ހަމަސް ފަސް******
އާއިން ނުހަނު ވިސްނައިގެން އުޅެނިކޮށްވެސް ފަރަހަނާޒް ދެވަނަ ފަރަހަށް ބަލިވެ އިނެވެ. މިފަހަރު އާއިން ގަސްތުކުރީ ފަރަހަނާޒް ގޮވައިގެން ސިންގަޕޫރަށް ދިއުމަށެވެ. ރާއްޖެއިން ފަރުވާއެއް ނުލިބުނު ނަމަވެސް ސިންގަޕޫރުން އެކަމަށް އެކަށީގެންވާ ފަރުވާއެއް ހޯދިދާނެކަމަށް އޭނާއަށް ވިސްނުނެވެ. ކުޑަމިނުން ދަރިފުޅު ދުނިޔެއަށް ނޭވާލާތަން ދެކެން އޭނާ ބޭނުމެވެ. ދަރިފުޅަކީ ބަލި ކުއްޖަކަށްވީނަމަވެސް އޭނާ އެދަރިފުޅު ބޭނުމެވެ. އެހެންކަމުން ފަރަހަނާޒްއަށް ތަފާތު ގޮތްގޮތުން ވިސްނަދީގެން އޭނާ ދާން އެއްބަސްކުރުވިއެވެ. ސިންގަޕޫރަށް ގޮސް ފުރަތަމަ ތިބެން ގަސްތުކުރީ ވަކިން ގެއެއްގައެވެ. ނަމަވެސް އަޒީފާގެ އާދޭސްތަކުގެ ސަބަބުން ފަހުން އެގެއަށް ބަދަލުވިއެވެ. މިވީގޮތުން ޝައުންއަށް ކޮންމެ ދުވަހަކު ފަރަހަނާޒްއާ ކުރިމަތިލާން ޖެހެއެވެ. ކިތަންމެ ހިތްނޭދުނު ނަމަވެސް އެންމެންގެ ކުރިމަތީގައި ފަރަހަނާޒްއާ ވާހަކަވެސް ދައްކަން ޖެހެއެވެ. އަދި އާއިންއާއި ފަރަހަނާޒްގެ ލޯބީގެ ބައެއް މަންޒަރުތައް އޭނާގެ ލޮލުން ދެކެންވެސް ޖެހެއެވެ. ނަމަވެސް ކެތްކުރުން ނޫންގޮތެއް ނެތީތީ އޭނާ އެކަންކަމާ ކެތްކުރެއެވެ. އެހުރިހާ ކަމަކުން ލިބޭ އުނދަގުލަށްވުރެ އާއިން ފެނުމުންނާއި އާއިންގެ ހީލުންތަކުން ހިތަށް ލިބޭ އުފާވެރިކަން ބޮޑުވެއެވެ.
މިފަހަރުވެސް ޑޮކްޓަރގެ ފަރާތުން އާއިންއަށް ލިބުނީ ވަރަށްވެސް ނާއުއްމީދު ޖަވާބުތަކެކެވެ. ކުއްޖާ އުފަންވިނަމަވެސް ކޮންމެވެސް ކަހަލަ ބައްޔެއްގެ ޝިކާރަކަށްވުން ގާތްކަމަށް ބުންޏެވެ. ނޫންނަމަ އުމުރު ދުވަހުގެ ނުކުޅެދުންތެރިކަމެއްވެސް ތަހައްމަލު ކުރަން ޖެހިދާނެކަމަށްވެސް ބުންޏެވެ. އަދި މާބަނޑު ދުވަސްވަރު މައިމީހާއަށްވެސް ތަފާތު އެތަކެއް ސިއްޚީ މައްސަލަށް ކުރިމަތިވާނެކަމަށްވެސް ބުންޏެވެ. އެހުރިހާ ވާހަކައަކަށްފަހު އާއިންގެ ހިތުގައި ބިރުވެރިކަމެއްވެސް ހިނގާލިއެވެ. ދަރިޔަކު ނުލިބުނު ނަމަވެސް ފަރަހަނާޒް ގެއްލިދާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހެންކަމުން ދަރިފުޅުގެ ސަބަބުން ފަރަހަނާޒްގެ ފުރާނައަށް ގެއްލުންވެދާނެކަން ޔަޤީންވެއްޖެ ނަމަ ދަރިފުޅު އެބޯޓްކުރުމަށް އާއިން އެއްބަސްވިއެވެ.

ފަރަހަނާޒަށް އެނގުމަކާއި ނުލައި ޑޮކްޓަރގެ ލަފާގެމަތިން އާއިން ކަންކަން ކުރަމުން ގެންދިޔައެވެ. ފަރަހަނާޒަށް ތަފާތު އުނދަގޫތައްވަމުން ދާތީ ކަމެއްގޯސްކަން އެނގުނު ނަމަވެސް އޭނާއަށް އަދިވެސް ކަމުގެ ހަޤީޤަތެއް ނޭނގެއެވެ. އޭނާހުރީ ކިތަންމެ ބޮޑު ތަކުލީފަކާއި އެކުގައިވެސް ދަރިޔަކު ލިބެންއުޅޭތީ އުފަލުންނެވެ. ދުވަސްތައް ފާއިތުވަމުން ދާވަރަކަށް ފަރަހަނާޒަށް ލިބެމުންދާ ތަކުލީފުތައްވެސް ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އޭނާ ހިތްވަރު ކުރަމުން ދިޔައެވެ.

ފަރަހަނާޒްގެ ބަނޑަށް ހަތްމަސްވެފައި ވަނިކޮށް، ތޫބާއާއި އަރްވިންގެ ކައިވެނި ކުރެވޭ ދުވަސް ކަނޑައެޅުނެވެ. އޭނާހުރީ އެކައިވެނީގައި ބައިވެރިވާން ނުހަނުބޭނުންވެފައެވެ. ނަމަވެސް ހާލަތު ނިޔާކުރިގޮތުން އޭނާއަކަށް ކައިވެނީގައި ބައިވެރިވާން ދެވޭގޮތެއްނުވިއެވެ. ނަމަވެސް ފަރަހަނާޒް އާދޭސްކޮށްގެން އާއިން މާލެދާން އެއްބަސްވިއެވެ. އޭނާގެ ހުރި ހަމައެކަނި ބޭބެގެ ކައިވެނީގައި ބައިވެރިވާން ޚުދު އޭނާވެސްހުރީ އިންތިހާއަށް ބޭނުންވެފައެވެ. ފަރަހަނާޒް ރަނގަޅަށް ބެލުމަށް އެތައްފަހަރަކު ތަކުރާރުކޮށް އަޒީފާގާތުގައި ބުނުމަށްފަހު އާއިން ފުރައިގެން މާލެ ދިޔައެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ގޭގައި ތިބީ ފަރަހަނާޒްއާއި ޝައުން އެކަންޏެވެ. އަޒިފާވެސް ވީ ކޮންމެވެސް ކަމަކު ބޭރަށްގޮހެވެ. އެހެންކަމުން ފަރަހަނާޒް ފޫހިވެގެން ޝައުންއާ ވާހަކަދައްކާ ލުމަށް ގަސްތުކުރިއެވެ. ފަރަހަނާޒް ގޮސް ޝައުންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމާއެކުހެން ހުޅުވިއެވެ.

" ކިހިނެއްވީ؟…ކަމެއް ބޭނުންވީތަ؟.." ދޮރުމަތީގައިހުރި ފަރަހަނާޒް ފެނިފައި ހައިރާންވެ ކުޑަކޮށް ކަންބޮޑުވެފައި ޝައުން އަހާލިއެވެ.

" ނޫން…ފޫހިވާތީ ވާހަކަދައްކާލަން ކަމަށް…." ޖެހިލުންވެހުރެ ފަރަހަނާޒް ޖަވާބުދިނެވެ.

" އާދޭ…އެތެރެއަށް…" ޝައުން އެދުނެވެ. ފަރަހަނާޒް ޝައުންގެ ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. އެއީ ވަރަށްވެސް ފުރިހަމަ ކޮޓަރިއެކެވެ. ކޮޓަރީގެ އެއްފަރާތު ބިތުގައި ތަފާތު ފޮޓޯ ފުރޭމްތައްހުރިއިރު، އޭގައި ގިނައީ ކުޑަދިންގެ ފޮޓޯތަކެކެވެ.
" މިއީ ޝައުންތަ؟.." އެތަނުން ފޮޓޯއެއްގައިވާ ކުޑަ އަންހެން ކުއްޖާއަށް އިޝާރާތްކުރަމުން ފަރަހަނާޒް އަހާލިއެވެ.
" ހޫމް….ދެން އެހުރީ އާން…" ޝައުން ހިނިތުންވެލަމުން ބުނެލިއެވެ.

" ތިދެމީހުން ކުޑައިރު އުޅުނީ ވަރަށް އެއްކޮށްދޯ؟…އުޝާދައްތަ ބުނި އެވާހަކަ…" ފަރަހަނާޒް ބުނެލިއެވެ.

" ހޫމް…އެއީ ކުޑައިރު….މިހާރު އެކަން މުޅިން ބަދަލުވެއްޖެ….އާން ބަދަލުވެއްޖެ…" ޝައުންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
" ނޫނޭ…އާއިން ބަދަލެއްނުވޭ….އޭނާ އަބަދުވެސް ޝައުންއާމެދު ވިސްނާ….އެކަމު ކޮންމެ މީހަކުވެސް ވަކި އުމުރަކަށް ދިޔައީމަ ކުޑައިރުގެ އުޅުން ދޫކޮށްލާނެދޯ…" ފަރަހަނާޒް އާއިންގެ ދިފާއުގައި ވާހަކަދެއްކިއެވެ.

" ނޫން…އާން ބަދަލުވީ ނާޒްއާ އިނީމަ….އޭގެކުރިން އޭނާއުޅުނީ ކުޑައިރުވެސް އުޅުނުހެން….ނާޒްގެ ސަބަބުން އަހަރެންނާ ދުރުވީ…" ޝައުންއަށް އެހެންބުނެވުނީ ހިތްހަމަ ނުޖެހުނުވަރުންނެވެ.

" އެހެންވެތަ ޝައުން އަހަރެންދެކެ ތިހާ ރުޅިއަންނަނީ؟…އަހަރެން ގަސްތުގަ ތިދެމީހުން ދުރުކުރަން އެއްވެސް ކަމެއްނުކުރަން….އަދި އަހަރެން ދުވަހަކުވެސް ޝައުންއާމެދު ގޯސްގޮތަކަށް ނުވިސްނަން…." ފަރަހަނާޒް ދެރަވިއެވެ.
" ދެން ތިވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއްނެތް ކަންނޭނގެ….ނާޒް އެއްޗެއް ކާން ބޭނުންތަ؟.." ޝައުން ބޭނުންވީ އަވަހަށް މައުލޫ ބަދަލު ކުރާށެވެ. އޭނާއަށް ދެއްކޭ ވާހަކައަކުން ފަރަހަނާޒްގެ ތަބީއަތް ގޯސްވާކަށް އޭނާ ނޭދެއެވެ. ފަރަހަނާޒް ނުރުހުނު ނަމަވެސް މިވަގުތު ފަރަހަނާޒް ހުރިހާލާމެދު އޭނާ ހަމްދަރުދީވެއެވެ. އެހެންކަމުން އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުނުކޮށްވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

" ޝައުން….ނޭނގި ނަމަވެސް ޝައުން ހިތްހަމަ ނުޖެހޭފަދަ ގޮތަކަށް ކަމެއްކުރެވިފަ ވާނަމަ އެކަމަށްޓަކާ އަހަރެން މާފަށް އެދެން….އަހަރެންނަށް އެނގޭ ޝައުން އާއިންދެކެ ލޯބިވާކަން….އަދި އާއިންވެސް ޝައުންދެކެ ލޯބިވޭ….އެކަމު ފަރަހެއްގަ ވެދާނެ ދެމީހުންވަނީ ތަފާތު ދެލޯތްބެއްކަމަށްވެސް…." ފަރަހަނާޒް އެހެންބުނީ ޖެހިލުންވެ އިނދެއެވެ. ފަރަހަނާޒްގެ ވާހަކަތަކުން ޝައުންގެ ހިތުގައި ދިލަހޫނެއް އުފެދުނެވެ. ހިނދުކޮޅެއްގެ ތެރޭގައި ލޮލަށް ކަރުނަވެސް ޖަމާވިއެވެ.

" ނާޒް…އަހަރެން ބޭނުމެއްނޫން ތިވާހަކަ ދައްކާކަން….ތިނޫން ކޮންމެވެސް އެހެން ވާހަކައެއް ދައްކަފާނަންތަ؟…" ޝައުންނަށް އެހެންބުނެވުނީ ހިތްހަމަ ނުޖެހިފައެވެ.

" ސޮރީ…ދެން ނުދައްކާނަން…އެކަމު ޝައުން އަހަރެންދެކެ ރުޅިއައިސްފަ ނުރުހުން އެދެން….އަހަރެންގެ ބަނޑުގަވާ ދަރިފުޅަށްޓަކާ….މާދަންނޫންކަމެއް ނޭނގެ އަހަރެން މިދުނިޔެއާ އަލްވަދާއު ކިޔަންޖެހޭނީ….އެހެންވީމަ އަހަރެން ބޭނުން އެންމެންވެސް އަހަރެންނާމެދު ހިތްހެޔޮކުރަން…" ޝައުންގެ އަތުގައި ހިފާލަމުން ފަރަހަނާޒް ބުންޏެވެ. އެވަގުތު ޝައުންއަށް ފަރަހަނާޒްގެ މޫނަށް ބަލާލެވުނެވެ. އެމޫނުގައިވާ މައުސޫމު ކަމަކީ މީހަކު ރުޅިއައިސްގެން ހުރުން ދަތިވާފަދަ މައުސޫމު ކަމެކެވެ.

" އޯކޭ….އަހަރެން ރުޅިއެއްނާދެއޭ….ނާޒް މިހާރު ހުންނާނީ ބަނޑުހައިވެފަ….ކާއެއްޗެއް ގެންނަންތަ؟…" ޝައުން އަނެއްކާވެސް އަހާލިއެވެ.

" ނޫން ބަނޑުހައެއްނުވޭ….އެކަމު ބޭރަށް ގޮސްލާހިތްވަނީ….ކުރިންދުވަހު އާއިންއާއެކުގަ ހިނގާލަން ދިޔައިން މިތާ ކައިރީގަ އޮތް ޕާރކަކަށް….އެތަނަށް ދެވިދާނެތަ؟…ވަރަށް ހިތްގައިމު ތަނެއް އެއީ…" ފަރަހަނާޒް އެދުނެވެ.

" މަންމަ ގޭގަ ނެތީސް ދިޔައީމަ ހިތްހަމަ ނުޖެހިދާނެ…." ޝައުން ބަހަނާއެއް ދައްކާލިއެވެ.

" އެހާ ދުރެއްނޫނެއްނު ރަނގަޅުވާނެ…މިހެން އިނީމަ ތަންތަނަށް ތަދުއަރާތީ މިއުޅެނީ….ހިނގާލީމަ ރަނގަޅުވެދާނެ…" ފަރަހަނާޒް ބުންޏެވެ.

ފަރަހަނާޒް އާދޭސްކުރަން ފެށުމުން ޝައުން ދާން އެއްބަސްވިއެވެ. އެއީ ގެޔާ މާދުރުނޫން ހިސާބެއްކަމުން ދެމީހުންވެސް ގަސްތުކުރީ ހިނގާފައި ދިއުމަށެވެ. މަގުގެ އެއްކައިރިން ފަރަހަނާޒްގެ އަތުގައި ހިފާލައިގެންހުރެ ޝައުން ހިނގަމުން ދިޔައެވެ. ޕާރކަށް ދިއުމަށްޓަކައި މަގު ހުރަސްކުރަން ކުރަން ޖެހޭތީ ޓްރެފިކްލައިޓް ދިއްލޭނެ އިރެއްގެ އިންތިޒާރުގައި ހުއްޓައި ޝައުންގެ ފޯނަށް މެސެޖެއް އައެވެ. އެއަށް ޖަވާބުދެމުން ގޮސް ބޭއިޚްތިޔާރުގައި ޝައުންއަށް މަގުމައްޗަށް ނުކުމެވުނު ވަގުތު ބާރު ދުވެލީގައި އައި ސައިކަލެއް ކޮންޓްރޯލް ނުވެގެން ޝައުންއާ ދިމާއަށް އައެވެ. އެމަންޒަރު ފެނިފައި ފަރަހަނާޒް ހަޅޭއްލަވައިގަންނަމުން ދުވެފައި ގޮސް ޝައުން ކޮއްޕާލިއެވެ. ޝައުން ގޮސް މަގުގެ އެއްފަރާތަށް ވެއްޓުނުއިރު، އޭނާގެ ފޯނު މާދުރަށް ވިއްސައިގެން ދިޔައެވެ. ސައިކަލު ކައްސާލައިގެން މަގުމެދަށް ވެއްޓުމާއެކު، ފަހަތުން އައި އެހެން ސައިކަލެއްގެ މިސްރާބު ގެއްލި ދިޔަގޮތަށް ގޮސް ފަރަހަނާޒްގެ ގައިގާ ޖެހިފައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. ފަރަހަނާޒްގެ ވޭނީ ހަޅޭކުގެ އަޑާއި އުޅަނދުތައް އެކަތިއަނެކައްޗާއި މުޑިއެރި އަޑުވެސް ފަޒާގެ ތެރޭގައި ގުގުމަިއގެން ދިޔައެވެ. އެވަގުތު ޝައުންއަށް ހީވީ އޭނާގެ ހިތްވެސް މޭފޫއަޅާ ބޭރަށް ނުކުތްހެންނެވެ.
ނުނިމޭ