ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް، އޭނާ ޑައިރެކްޓްކޮށްފައިވާ "ސްޓޫޑަންޓް އޮފް ދި ޔެއާ" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފްވި ވަރޫން ދަވާން ކަރަންގެ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
އެކަން ކަރަން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ވަރޫންގެ އާ ފިލްމާ ބެހޭ ގޮތުން ކަރަން ބުނީ އެ ފިލްމްގެ މަސައްކަތް ފަށާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ.
އެހެން ނަމަވެސް ވަރޫން ފިޔަވައި އެ ފިލްްމްގައި ހިމެނޭ އިތުރު ކާސްޓުންނާ ބެހޭ އެއްވެސް ތަފުސީލެއް ކަރަން ނުދެ އެވެ.
"އެ ފިލްމް ޑައިރެކްޓަރަކީ އާ މީހެއް. ފިލްމްގެ ބަތަލާ ވެސް ވެގެން ދާނީ އާ ތަރިއަކަށް. އަދި ފިލްމްގެ ނަމާއި ފިލްމާ ބެހޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރާނަން،" ކަރަން ބުންޏެވެ. "ފިލްމްގެ މަސައްކަތް އޮކްޓޯބަރު މަހު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން މި އަންނަނީ."
ޑައިރެކްޓަރު ޑޭވިޑްގެ ދަރިފުޅު ވަރޫން މިހާރު މަސައްކަތް ކުރަމުން އަންނަނީ ބައްޕަ ޑައިރެކްޓް ކުރާ "މޭ ތޭރާ ހީރޯ" ގަ އެވެ.