Last Updated: March 29, 16:45
Friday, March 29, 2024
ރިޕޯޓް

އަންހެނުން ފަލަވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްބާ؟

Low section of woman stepping on weight scale with dumbbells on white background

ބަލިވެއިނުމަށް އުނދަގޫތަކާއި ކުރިމަތިވެގެން ވަރަށް ގިނަ ފަހަރަށް އަންހެންމީހާ ޑޮކްޓަރަށް ދެއްކުމުން ބަރުދަން ލުއިކުރުމަށް ބުނާ ވާހަކަ އަޑުއިވެއެވެ. އެގޮތުން ފަލަވުމަކީ އަންހެނުންނަށް ކުދިން ލިބުމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ހަގީގަތަކީ ފަލަވުން އޭގެ ޒާތުގައި އެއީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެއް ނޫން ކަމެވެ. ގަވާއިދުން އިންތިޒާމުކޮށް ކޮންމެ 28-35 ދުވަހަކުން މައްސަރުކަންތައް ދިމާވަމުން ދާނަމަ ފަލަވުމަކީ ބަލިވެއިނުމަށް ހުރަސް އަޅާނެ ކަމެއް ނޫނެވެ. ގަވައިދުން މައްސަރު ކަންތައް ދިމާވަމުންދާނަމަ ބިސް ބޭރުވަމުންދާނެއެވެ. އަދި ބަލިވެ އިނުމުގެ ފުރުޞަތު ކޮންމެ މަހަކުވެސް އޮންނާނެއެވެ.

ނަމަވެސް ވަރަށް ގިނަފަހަރު ފަލަވުމަކީ ހަށިގަނޑުގެ ހޯމޯންތަކުގެ ޠަބީއަތަށް ބަދަލު އަންނަކަމެކެވެ. ހޯމޯންތަކުގެ ހަމަހަމަ ކަމަށް ހުރަސް އަޅާކަމެކެވެ. މިގޮތަށް ހަށިގަނޑުގެ ހޯމޯންތަކަށް ބަދަލު އައުމަކީ ބިސް ގަވާއިދުން ބޭރުވުމަށް ހުރަސް އަޅާ ކަމެކެވެ. ވުމާއެކު މިފަދަ ހާލަތުގައި ފަލަވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެކެވެ. ނުވަތަ ބަލިވެއިނުން އުދަގޫވާނެ ސަބަބެކެވެ. ފަލަވުމުން ބަލިވެއިނުމަށް ހުރަސްއެޅޭ ކަމަށް ބުނެވެނީ މިހެންވެގެންނެވެ.

ހަށިގަނޑު ފަލަވުމާއި ބިސްރަވައިގާ ފެންބިހި (ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް) އުފެދުމާއި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ބިސްރަވައިގާ ފެންބިހި ނެގުމަކީ ބިސްފުރިހަމަވެ ބޭރުވުމަށް ބޭނުންވާ ހޯމޯން އުފެއްދުން މަދުކުރާކަމެކެވެ. ނުވަތަ ހުރަސްއަޅާ ކަމެކެވެ. ވުމާއެކު މިފަދަ ހާލަތުގައިވެސް ބަލިވެއިނުމަށް ހުރަސް އަޅާނެއެވެ. މިއީ ފަހަކަށް އައިސް ވަރަށް ގިނަ އަންހެނުންނަށް ފަލަ ނުވިޔަސް ދިމާވާ މައްސަލައެކެވެ. މިކަހަލަ މައްސަލަ ހުންނަ ފަރާތްތަކުން ޑޮކްޓަރުގެ ލަފައާއެކު ބޭސްފަރުވާ ކޮށްގެން އެ ސިސްޓްތައް ނައްތާލައިގެން ވެސް ބަލިވެއިނުމަށް މަގުފަހިވާތަން އާދެއެވެ.

ބިސްރަވައިގާ ފެންބިހި އުފެދުމަކީ ވަރަށް ގިނަފަހަރު އިންސިއުލިން ހޯމޯން އުފެއްދުން އިތުރު ކުރާ ސަބަބެކެވެ. މިހޯމޯން ގިނައިން އުފެއްދުމަކީ ހަށިގަނޑުގައި ހަކުރު ޖަމާކޮށް ރައްކާކުރާ ކަމެކެވެ. އަދި މިހޯމޯން ގިނައިން އުފެއްދުމަކީ އަންހެނުންގެ ހަށިގަނޑުގައި މަދުމަދުން ހުންނަ ފިރިހެން ހޯމޯން އެންޑްރޯޖިން ހޯމޯން އިތުރަށް އުފައްދާ ކަމެކެވެ. މިހޯމޯން އަންހެނުންގެ ހަށިގަނޑުގައި ގިނަވުމަކީ ބިސްބޭރުވުން ހުއްޓުވާ ކަމެކެވެ. އަދި ބަލިވެއުނުމަށް ހުރަސް އަޅާކަމެކެވެ.
އަދި މިއީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރަހިމުގައި ދަރި އިންދި ކަމުގައިވިޔަސް ނުވަތަ ދަރި މުޑުވަށް ކުރިޔަސް ދަރިފުޅު ބޮޑުވުމަށް ހުރަސް އަޅާކަމެކެވެ.

މިފަދަ މައްސަލަތައް ދިމާވާ ފަރާތްތަކުން ބަލިވެއިނުމަށްޓަކާ ވަރަށް ގިނަ ދުވަސްތަކާއި، ހޭދަތައް ކުރަންޖެހޭތަން އާދެއެވެ. އެކަންތަކުގެ އިތުރުން އަބަދުވެސް ހަނދާން ކުރަންޖެހޭ ކަމަކީ ދަރިމައިވުމުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކާ ކަސްރަތުކޮށް ބަރުދަން ހުންނަންޖެހޭ ވަރުގައި ހިފެހެއްޓޭތޯ ބަލާ، ރަނގަޅު ކާނާ ކެއުމަށް ފަރުވާތެރިވާން ޖެހޭކަމެވެ. އަދި މީގެ އިތުރުން އެންމެ މުހިއްމު ކަމަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ﷲގެ ހަޟުރަތުން އެކަމަށް އެދި ދުޢާ ކުރުމެވެ. އެކަލާނގެއީ އިންސާނާގެ ދުޢާ އިޖާބަކުރައްވާ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.