Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

އެމްބާޕޭގެ 20 ވަނަ ގޯލާއެކު ޕީއެސްޖީ އަށް 15 ޕޮއިންޓްގެ ލީޑެއް

ރޭގެ މެޗުގައި މޮންޓްޕެލިއޭ ކޮޅަށް ގޯލެއް ކާމިޔާބުކުރުމަށްފަހު ޕީއެސްޖީގެ ކިލިއަން އެމްބާޕޭ (ކ) އާއި އެންހެލް ޑި މާރިއާ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި މޮންޓްޕެލިއޭ އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީ މޮޅުވެ 15 ޕޮއިންޓްގެ ލީޑެއް ނެގިއިރު މި މެޗުގައި ކާމިޔާބުކުރި ގޯލާއެކު އެ ޓީމުގެ ކިލިއަން އެމްބާޕޭ ވަނީ ލީގުގައި ފުރަތަމަ ފަހަރަށް 20 ގޯލް ހަމަކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އަށް 24 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލިއްލޭ އަށް 25 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން އޮލިމްޕިކް ލިޔޯން ތިންވަނައިގައި އޮތްއިރު 40 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ އޮލިމްޕިިކް މާސޭ އެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސަސްގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ ފްރާންސްގެ ފުލްބެކް ލެވިން ކުރްޒާވާ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި މޮންޓްޕެލިއޭ އަށް އެއްވަރުކޮށްދިނީ ލިބުނު ހިލޭޖެހުމަކުން ކެވިން ފްލޮރެން މޮލެޓް އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޕީއެސްޖީ އަށް އަލުން ލީޑް ނަގައިދިނީ އެންހެލް ޑި މާރިއާ އެވެ. މި ހާފު ނިމުނީ 2-1 އިން ޕީއެސްޖީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގައި ޕީއެސްޖީގެ ކްރިސްޓޮފާ ކުންކޫ އާއި މޮންޓްޕެލިއޭގެ ވިޓޮރީނޯ ހިލްޓަން އަތުން ބައިކޮޅަށް ވަން ގޯލަކުން ޕީއެސްޖީން ލީޑް އިތުރަށް ފުޅާކުރިއެވެ.

އޭގެފަހުން، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްލާފައެވެ. މިއީ ލީގުގައި އޭނާ ކުޅުނު 19 މެޗުގައި ކާމިޔާބުކުރި 20 ވަނަ ގޯލެވެ. މި ގޯލާއެކު އޭނާ ވަނީ މުޅި ސީޒަނުގައި 25 ގޯލް ހަމަކޮށްފައެވެ.

މީގެއިތުރުން، މިއީ ލީގުގައި އެމްބާޕޭ 20 ގޯލް ހަމަކުރި ފުރަތަމަ ސީޒަނަށްވާއިރު ނިމިދިޔަ ސީޒަނުގައި ލީގުގައި އޭނާ ވަނީ 13 ގޯލް ކާމިޔާބުކޮށްފައެވެ. އޭގެ ކުރީ ސީޒަނުގައި، މޮނާކޯ އާއެކު 2016/2017 ވަނަ އަހަރުގެ ލީގު ތަށި އުފުލާލިއިރު އޭނާ ވަނީ 15 ލަނޑުޖަހައިދީފައެވެ.

ޕީއެސްޖީ އަށް ދެން އޮތީ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގަޑިން 21:00 ގައި އަމިއްލަ ދަނޑުގައި ނީމްސް އާ ދެކޮޅަށް ކުޅޭ މެޗެވެ.