Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އާ ސަރުކާރާއި އެކުވެސް އައްޑޫގެ ސިއްހީ ނިޒާމަށް ފަރުވާއެއް ނުލިބޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން 2018 ނޮވެމްބަރ 17 ވަނަ ދުވަހު ފެށުމާއި އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެއް ރައްޔިތުންނަކީ އައްޑޫ ރައްޔިތުންނެވެ. މާލެ އާއި އެންމެ ދުރުގައިވާ އައްޑޫ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ތަރައްޤީގެ ހުވަފެން މި ސަރުކާރުގައި އަވަސް މުސަތަގުބަލެއްގައި ފުރިހަމަ ކުރެވޭނެކަމުގެ އުއްމީދު ކުރި ރައްޔިތުން ވަރަށް ގިނައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވާން ކައިރިވަމުން އަންނަ އިރު އަދިވެސް މިފެންނަނީ މީގެ ކުރިންވެސް ކަން ކުރަމުން އައި ދޯދިޔާ އުސޫލެވެ. ހާއްސަކޮށް ބޮއްސުންލާފައިވާ ސިއްހީ ނިޒާމަށް އެކަށީގެންވާ އެއްވެސް ކުރިއެރުމެއް ގެނެވޭ މަންޒަރެއް ނުފެނެއެވެ.

100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއްގެ ހުވަފެން އައްޑޫ ރައްޔިތުން ބަލަމުންދާތާ 20 އަހަރުވަނީއެވެ. އެކަމަށް އެކަށީގެންވާ މަސައްކަތެއް ސީރިއަސް ގޮތަކަށް ކުރަމުންދާ މަންޒަރެއް ނުފެނެއެވެ. ފައިސާ ހަމަޖެހި، ރަނގަޅު ފެންވަރެއްގައި އަޅަން ނިންމި އައްޑޫ 100 އެނދުގެ ހޮސްޕިޓަލް ސާކް ސަމިޓަށް އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު ތަޅާލުމަށްފަހު އިމާރާތް ކުރާތާ އެތައް ދުވަހެއް ވެއްޖެެއެވެ. އެތަން ނިންމައި ހިދްމަތް ދޭނެކަމަށް ކުރީ ސަރުކާރުން ބުނި ތާރީހު ފަހަނަޅައި ގޮސްފިއެވެ. އަދިވެސް އެތަނުގެ މަސައްކަތެއް ނުނިމެވެ.

ރައީސް ސޯލިހުގެ އައްޑޫ ކެމްޕެއިން އެއް ވައުދަކީ ރަނގަޅު ސިއްހީ ނިޒާމެއް އައްޑޫގައި ގާއިމްކޮށްދިނުމެވެ. 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެންމެ ފަހުގެ ވަސީލަތްތަކާއި އެކު ގާއިމްކޮށްދިނުމެވެ. މި މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އައްޑޫއަށް ވަޑައިގެން ކްލިނިކް ތަކާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން އައްޑޫގެ ސިއްހީ މަރުކަޒުތަކަށް ވަޑައިގެން އެތަންތަން ބައްލަވާލެއްވިއެވެ.

އީސީސީގައި ހަދަމުންދާ ހޮސްޕިޓަލްގެ މަސައްކަތްވެސް ހިނގަމުންދާ ގޮތް ބައްލަވައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހިދްމަތާއި އެތަނުގެ ޝަކުވާ ވަނީ އަޑު އައްސަވާފައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ގިނަ ފަރުވާ ނުދެވޭކަން މިނިސްޓަރ އަމީނަށް ވަރަށް ސާފު މިންވަރަށް ވާނީ އެތަނުގެ މުވައްޒަފުންނާއި ވެރިން ވަނީ ކިޔައިދެއްވާފައެވެ. ލޮލުގެ ޑޮކްޓަރަކު ހުއްޓަސް ލޮލުގެ ޑޮކްޓަރު ބަލިމީހުން ބަލަން ބޭނުންވާ ސާމާނެއް ނެތެވެ. ކަށީގެ ޑޮކްޓަރެއް ނެތި އެތައް ދުވަހެއް ވެގެންދާއިރު އެކަމަށް އަދިވެސް ހައްލެއް ހޯދައި ނުދެވެއެވެ.

އައްޑޫ އަކީ މާލެ/ ހުޅުމާލެ ބްރިޖް އެޅުމާއި ހަމައަށް ރާއްޖޭގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ތަނެވެ. އެކްސިޑެންޓްތަކުގައި ބޮލަށް ގެއްލުންވެ އެތައް ބަޔަކު މަރުވެފައިވާ އިރު އައްޑޫގައި ސީޓީ ސްކޭން ހެދޭނެ އިންތިޒާމު ހަމަޖައްސައި ނުދެވެއެވެ. މިއަދު މި ހިދްމަތަކީ އާދައިގެ ކްލިނިކް ތަކުންވެސް ފޯރުކޮށްދޭ ހިދްމަތްތަކެވެ.

އެކްސިޑެންޓުތަކުގައި ބޮލަށް އަނިޔާވާ މީހުން އާސަންދައިގެ ދަށުން ފްލައިޓު ޗާޓަރުކޮށް މާލެ ފޮނުވާތާ 7 އަހަރުވަނީއެވެ. ނަމަވެސް މި ހިދްމަތްތައް ހޮސްޕިޓަލުގައި ގާއިމް ކުރުމުގެ މަސައްކަތެއް ކުރާތަނެއް ނުފެނެވެ. ދެން އޮތީ އެކްސިޑެންޓުތަކުގައި ތަންތަން ބިންދައިގެންދާ މީހުންނަށް އެކްސްރޭ ނެގޭނެ ގޮތް ދޭތެރެ ދޭތެރެއިން މެދުކެނޑިފައި ހުންނަ އިރު އެފަދަ މީހުންނަށް ފަރުވާދޭނެ ޑޮކްޓަރުން ނުތިބެއެވެ. ދަތުގެ ފަރުވާ ނުދެވޭތާ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާ އިރު އެކަންކަން ހައްލު ކުރެވޭ ތަނެއް ނުފެނެއެވެ. ފެންނަނީ ދުވަހުން ދުވަހަށް ކަންކަން ދޯދިޔާ ތަނެވެ.

އިމަޖަންސީ ހާލަތްތަކުގައިވެސް ހޮސްޕިޓަލުން އަމަލު ކުރާ ގޮތާއި މެދު އާއްމުންގެ ޝަކުވާ ބޮޑެވެ. މިފަދަ އެތައް ކަންބޮޑުވުމަކާއި ޝަކުވާ ހުރި އިރު އެކަންކަން ހައްލު ކުރުމުގައި ހެލްތު މިނިސްޓްރީގެ މަސައްކަތް ރައްޔިތުންގެ އުއްމީދަށް ވާސިލް ނުކުރެވެއެވެ. މުޅި ސިއްހީ ނިޒާމު ބޮއްސުންލާފައިވާ އިރު މިނިސްޓަރ އަމީންގެ އައްޑޫ ދަތުރުފުޅަށް ފަހުވެސް ކުރިއެރުމެއް ލިބިގެންދާ މަންޒަރެއް ނުފެނެއެވެ. ރައްޔިތުންގެ ޝަކުވާ އަކީ އާ ސަރުކާރާއި އެކުވެސް އައްޑޫގެ ސިއްހީ ނިޒާމަށް ފަރުވާ ނުލިބުނު ކަމުގެ ޝަކުވާއެވެ.