ބެންގާލީ ފިލްމްތައް އުފެެއްދުމަށް މަޝްހޫރު އަދި އެތައް އެވޯޑެއް ހާސިލްކޮށްފައިވާ އިންޑިއާގެ ޑައިރެކްޓަރު ރިތުޕަރްނާ ގޯޝް ހިތް ހުއްޓިގެން މިއަދު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 49 އަހަރުގެ ގޯޝް މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ކަލްކަތާގައި ދިރިއުޅޭ ގޭގަ އެވެ.
މިހާތަނަށް 19 ފިލްމް ޑައިރެކްޓްކޮށް، 12 ފިލްމަކުން ގައުމީ އެވޯޑް ވެސް ހާސިލްކޮށްފައިވާ އަދި ބައެއް ފިލްމްތަކުގައި އެކްޓް ވެސް ކޮށްފައިވާ ގޯޝް އޭނާގެ ފިލްމީ ކެރިއަރު ފެށީ 1994 ވަނަ އަހަރުހެ "ހިރޭރް އަނގުޓީ" އިންނެވެ. އަދި ހަމަ އެ އަހަރު "އުނިޝޭ އެޕްރީލް" ގެ ނަމުގައި ފިލްމެއް ހަދައި އޭނާ ވަނީ އެންމެ މޮޅު ފިލްމްގެ ގައުމީ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
"ގޭ" އެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލް ކުރާ ގޯޝްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި އައިޝްވާރިއާ ރާއީ ލީޑް ރޯލް ކުޅެފައިވާ "ޗޯކަރު ބާލީ" އާއި "ރެއިން ކޯޓް" ގެ އިތުރުން އަމީތާބް ބައްޗަން އާއި ޕްރިތީ ޒިންތާ އަދި އަރްޖުން ރާމްޕާލް ލީޑް ރޯލް ކުޅުނު "ދަ ލާސްޓް ލެއާ"، "އުސްތާބް"، "އަބޮހޯމަން" އަދި "ޑޮސޯރު" ފަދަ ފިލްމްތައް ހިމެނެ އެެވެ.
ގޯޝް އަށް ވަނީ 2010 ވަނަ އަހަރު ބޭއްވި "ބިގް ބަގަލާ މޫވީސް އެވޯޑްސް" ގައި "ބިގް ޑިރެކްޓަ އޮފް ދި ޑެކަޑް" ގެ އެވޯޑް ވެސް އަރުވައިފަ އެވެ. އަދި އޭނާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި "ޗިދްރަންގަދާ" އަށް ގައުމީ އެވޯޑްގެ ސްޕެޝަލް ޖޫރީ އެވޯޑް އަރުވާފައިވެ އެވެ.