Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

ނާރިނގު: ބަރުދަން ލުއިކުރުމަށް އެހީވެދޭ

Bitter orange tree (Citrus aurantium) in Cordoba, Andalusia, Spain.

ނާރިނގު/ހިތި ނާރިނގު އަކީ ދިވެހިންނަށް އާ މޭވާ އަކަށް ނުވާނެއެވެ. ހުތް މޭވާއެއްގެ ގޮތުގައި ގުނާލެވޭ ނާރިނގު އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހައްދައިއުޅޭ މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. މިއީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަނދި މޭވާ އެކެވެ. ދިވެހިންގެ ތެރޭގައި ވެސް މަޤްބޫލު މި މޭވާ ރާއްޖޭގައި ވެސް ކޮންމެވެސް ވަރަކަށް ހައްދާ އުޅެއެވެ.

ނާރިނގަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ މޭވާ އެކެވެ. ނާރިނގުގައި އިންސާނާގެ މެޓަބޮލިޒަމްގެ މަސައްކަތް މައްޗަށް ޖެއްސުމަށް ބޭނުންވާ ވިޓަމިންތަކާއި، މަޢުދަންތައް ހުރެއެވެ. މިއީ ހަށިގަނޑުގެ ހަކަތައާއި ބާރު އިތުރުވެ، ހަށިގަނޑުން ހަކަތަ އަންދާ މިންވަރު އިތުރުކުރާނެ ކަމެކެވެ. މާނައަކީ ހަށިގަނޑުން ތެލާއި ސަރުބީ ވިރުވުމެވެ. ނަމަވެސް މިކަން ސައިންސްގެ އަލީގައި އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. ނާރިނގުގައި ހަކަތަ އެކުލެވެނީ މަދު މިންވަރަކަށެވެ.

ނާރިނގުގެ ބޭރު ތޮށީގެ ދިޔަ އައިސްކްރީމް، ކޭކު ފަދަ އެއްޗެހި ތައްޔާރު ކުރުމަށް ބޭނުންކުރެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިއްކާފައި ހުންނަ ނާރިނގު ތޮށި ބޭނުންކޮށްގެން ތެލެއް އުފައްދައެވެ. އަދި އެކި ކަންކަމަށް އެ ތެޔޮ ބޭނުން ކުރެއެވެ.

ނާރިނގު ވިޓަމިން ސީ އިން މުއްސަދި ވެފައިވުމަކީ އެކަމުގެ ސަބަބުން ލޭގެ ހުދުތައް އުފެއްދުމަށް ބާރުއަޅާނެ ކަމެކެވެ. ލޭގެ ހުދު ސެލްތަކަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ސެލްތައް ކަމަށްވުމުން ހުދު ސެލްތައް ގިނައިން އުފެދުމުން، ދިފާޢީ ނިޒާމް ރަގަޅުވެ ހަރުދަނާ ވާނެއެވެ. މިހެން ވުމުގެ ސަބަބުން ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ. ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ. ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ. ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ. އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ. ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ. ދަނގަޑު ހަށިގަނޑަށް ނެގުން ހަލުވި ކޮށްދެއެވެ.

އެއްދުވަސްވަރެއްގައި ހަމުގެ ބަލިތަކަށް ފަރުވާކުރުމަށް ނާރިނގު ބޭނުންކޮށްފައި ވެއެވެ. އެގޮތުން ދަދު، ފައިވަޅު ހަލާކުވުން، އަދި ވެސް އެހެނިހެން ހަމުގެ އިންފެކްޝަންތަކަށް ފަރުވާކުރުމުގައި މީގެ ބޭނުން ހިފާފައި ވެއެވެ.

މައިދާއާއި، ގޮހޮރާއި، ހަޖަމުކުރާ ނިޒާމްގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ކުރިން ނާރިނގު ބޭނުންކޮށްފައި ވެއެވެ. އެގޮތުން، ބޭރަށްހިންގުން، ބަނޑުހިކުން، ގޮހޮރުގެ ފާރު، ބަނޑުގައި ވައިހެދުން، ފަދަ މައްސަލަތަކަށް ފަރުވާކޮށްފައި ވެއެވެ. އިރިޓަބަލް ބަވަލް ސިންޑްރޯމް އަށް ފަރުވާ ކުރުމުގައި ވެސް ނާރިނގު ބޭނުންކޮށްފައިވާ ކަމަށް ވެއެވެ. ނަމަވެސް ޢިލްމީ ހެކިތަކުން މިކަން އަދި ސާބިތުކުރެވިފައެއް ނުވެއެވެ. ހަޖަމުގޯސްވުން ކުރިމަތިވެފައިވާ މީހުން ނާރިނގު ކެއުމުން ހަޖަމުވުން ފަސޭހަވެ ރަގަޅުވާކަމަށް ވެއެވެ.

ނާރިނގުގައި ތަފާތު އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. މީގެ ސަބަބުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، އުމުރުން ދުވަސްވުން ލަސްކޮށްދީ، ކެންސަރު ފަދަ ބަލިތަކަށް ހުށަހެޅުމަށް މަގުފަހި ވެއެވެ.

ކެންސަރުގެ ސެލްތައް ޚާއްޞަކޮށް ގޮހޮރުގެ ކެންސަރުގެ ސެލްތައް އިތުރުވުން ހުއްޓުވާ ދެކަމްޕައުންޑެއް ނާރިނގުން ސައިންސްވެރިން ވަނީ ހޯދާފައެވެ. އެއީ "އައިސޯލިމޮނިކް އެސިޑް" އަދި "އިކެނެކްސިކް އެސިޑް" އެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި މިދެމާއްދާ އަކީ ވެސް ރަގަޅު ސެލްތަކަށް ގެއްލުންދިނުމަކާއި ނުލައި، ކެންސަރުގެ ސެލްތައް ހަލާކުކޮށް ނެތިކޮށްލާ މާއްދާތަކެކެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުގައި ނާރިނގު ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތެލަކީ އޭގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.

ނާރިނގު އަކީ މޭގައި އަރިދަފުސް ހިފުމާއި، ކެއްސުމުގެ އުދަނގޫ ކުޑަކޮށްދޭ މޭވާ އެކެވެ. އެހެންކަމުން ރޯގާ ޖެހިގެން އުޅޭ ދުވަސްވަރު އެހެން ހުތްމޭވާތަކެކޭ އެއްފަދައިން ނާރިނގު ބޭނުންކުރުމުން ރޯގާ އަވަހަށް ފަސޭހަވެ، ރަގަޅު ވެއެވެ. މިއީ ވިޓަމިން ސީ އެކުލެވޭ މޭވާއަކަށް ވުމުން، ދިފާޢީ ބާރު ވަރުގަދަވެ، ބަލިތަކާ ދުރުކޮށްދީ، ބަލިވި ނަމަވެސް އަވަހަށް ފަސޭހަވެއެވެ.

ނާރިނގުން ލިބޭ އިސްވެ ލިޔެވުނު ފައިދާ ތަކުގެ އިތުރުން ލިބޭ ފައިދާ ތަކަށް ބަލާއިރު މޭނުބައިކުރުމާއި، ހަޖަމުގޯސްވުން، ބަނޑުހިކުމަށް ފަރުވާކުރުމަށް ނާރިނގު ބޭނުން ކޮށްފައި ވެއެވެ. މެއިން ދިލަނެގުމާއި، ކާހިތްނުވުން ފަދަ ކަންތައްތަކަށް މިހާރު ވެސް ނާރިނގު ބޭނުންކުރެއެވެ. ނާރިނގުން ތައްޔާރުކޮށްފައި ތެޔޮ ބޭނުންކޮށްގެން ނިދިނައުމުގެ މައްސަލައަށް ހައްލު ގެނެސްދެއެވެ. އެގޮތުން ހޫނު ފެނަށް ތެޔޮ އަޅައިގެން ފެންވަރާލުމުން، ހަށިގަނޑު ހަމައަކަށްއެޅި، ފަސޭހައިން ނިދޭގޮތް ވެއެވެ. ބޮލުގައި ރިހުން ފަދަ ތަފާތު ތަދުތަކަށް ލުއިކަން ގެނެސްދެއެވެ. ބަނޑުގައި ރިހުމާއި، ލޭމައްޗަށްދިއުމަށް ނާރިނގު ތޮށި ބޭނުންކޮށްފައި ވެއެވެ. ނާރިނގުގައި "ޓައިރެމިން" ގެ މެޓަބޮލައިޓް "އެން-މީތައިލް ޓައިރެމިން"، "އޮކްޓަމިން"، އަދި "ސައިނެފްރިން" ހުރެއެވެ. މިއީ "އެޕިނެފްރިން" އާއި އެއްގޮތް މާއްދާތަކެކެވެ. މިމާއްދާތަކުގެ ސަބަބުން ލޭހޮޅިތައް ހަނިކޮށް، ލޭގެ ޕްރެޝަރު މަތިކޮށް، ހިތުގެ ވިންދު އަވަސްކުރުވައެވެ.