Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

މައްސަލަ ހައްލުކޮށް މޯލްޑިވިއަންގެ ޕައިލެޓުން ވަޒީފާއަށް ނިކުމެއްޖެ

މޯލްޑިވިއަން ބޯޓެއްގެ ކްރޫންތަކެއް، ފޮޓޯ: މޯލްޑިވިއަން ފޭސްބުކް ޕޭޖް

މޯލްޑިވިއަންގެ ޑައިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް، މުހައްމަދު އަމީން މަގާމުން އިސްތިއުފާ ދެއްވުމަށް ބާރު އަޅައި ގިނަ އަދަދެއްގެ ޕައިލެޓުން އިހްތިޖާޖު ކުރުމާއި ގުޅިގެން އޭނާ ޕައިލެޓުންގެ މަސައްކަތުން އެކަހެރިކޮށްފިއެވެ.

އަމީން މަގާމުން ދުރު ނުކޮށްފިނަމަ މިއަދު ވަޒީފާއަށް ނުނިކުންނާނެކަމަށް ބުނެ މޯލްޑިވިއަންގެ ޕައިލެޓުން ރޭ ވަނީ މިއަދު އިހްތިޖާޖު ކުރާނެކަން ހާމަކޮށްފައެވެ. މި މައްސަލަ އާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އަދި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވަނީ ޕައިލެޓުންނާއި ބައްދަލުކުރައްވާފައެވެ.

ޕައިލެޓުން ވަނީ އަމީން ފްލައިޓު އޮޕަރޭޝަންސްއިން ދުރުކުރުމަށާއި، ޕައިލެޓުން ބޭނުންވާ މީހަކު އެމީހުންގެ ވެރިޔަކަށް ގެނެސްދިނުމަށް އެދިފައެވެ. އެގޮތަށް އެއްބަސްވެ މިއަދުން ފެށިގެން ޕައިލެޓުންގެ ވެރިޔަކަށް ކެޕްޓަން ސުނޫސީ ވަނީ ހަމަޖައްސާފައެވެ. އަދި ޕައިލެޓުންގެ ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާ އާއި ރިޒްވީއަށް ވަނީ ހުށަހަޅާފައެވެ. އަދި އެކަންކަމަށް އަވަސް މުއްދަތެއްގައި ހައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މޯލްޑިވިއަންގައި 150 ހަކަށް ޕައިލެޓުން މަސައްކަތް ކުރަމުން އަންނަ އިރު، ޕައިލެޓުންނަށް އެކަށީގެންވާ ވަރަށް ވުރެ ބުރަކޮށް މަސައްކަތް ކުރަންޖެހޭތީ އެކަމުގެ ޝަކުވާ ޕައިލެޓުން މީގެ ކުރިންވެސް ވަނީ ކޮށްފައެވެ. އަދި އެކަމަށް އަމީން މަސައްކަތް ނުކުރައްވާކަމަށް ބުނެ ޕައިލެޓުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.