އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އާއި އެކު އަދާލަތު ޕާޓީ ގުޅިގެން މަޖްލިސްއަށް ނިކުތުމަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މަޖިލިސް ކެމްޕޭނުގެ އެމްޑީޕީ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އަދާލަތު ޕާޓީގެ އިސްވެެރިންނާއި އެމްޑީޕީގެ އިސް ބޭފުޅުން ރޭ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެބައްދަލުވުމުގައި އެމްޑީޕީ އާއި އެކު މަޖްލިސް އިންތިހާބުގައި ނިކުތުމަށް އަދާލަތުން ހުށަހަޅާފައިވާ ކަމަށެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ލީޑަރ އަދި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އާއި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފުގެ އިތުރުން ކަސްޓަމް ސާވީސްގެ ކޮމިޝަނާ ޖެނެރަލް އަހުމަދް ނުއުމާން ވަނީ ބައިވެރިވެފަ އެވެ. އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ރައީސް އަދި މިފަހަރުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތި ލައްވާ މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި ގާނޫނީ ވަކީލް ހިސާން ހުސެއިން ބައިވެރިވި އެވެ.
އަފްޝަން ވިދާޅުވީ ރޭ އަދާލަތު ޕާޓީން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން މާދަމާ އެޕާޓީގެ ގައުމީ މަޖްލިސްގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަފްޝަން ވިދާޅުވީ އަދާލަތު ޕާޓީ އަކީ ވަރަށް ރޭވުންތެރިކަމާއި އެކު ހިންގަމުން އަންނަ ޕާޓީއެއް ކަމަށާއި، އެޕާޓީ އާއި އެކު މަސައްކަތް ކުރުމަށް އެމްޑީޕީއަށް ވަރަަށް ފަސޭހަކަމަށެވެ.
އެމްޑީޕީން ވަނީ އަންނަ މަޖްލިސް އިންތިހާބުގައި 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ކުރިމަތިލުމަށް ނިންމައި އެދާއިރާތަކުގެ ކެންޑިޑޭޓުން ކަނޑައަޅާފައެވެ. އަދާލަތު ޕާޓީން ވަނީ 13 ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައެވެ.