Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ދައުވާ ކުރަން ފޮނުވަނީ

ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު: ފޮޓޯ - ސަން

2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭ މުޒާހަރާގައި ބައިވެރިވެ، މާރާމާރީ ހިންގިކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގ. ކީމާ، އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

އެޗްއާރްސީއެމުން މިއަދު ބުނީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވާނީ އެކޮމިޝަނުގެ ތަހުގީގަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އަބްދުﷲ ރަޝީދު މަރުވެފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އަބްދުﷲގެ އާއިލާއިން ވަނީ މިކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރުތަކާ ބެހޭ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.