އަންނަ މަޖްލިސް އިންތިހާބުގައި މަޖްލިސްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކޯޓު ކްލިއަރެންސް ހޯދުމަށް މާދަމާ ހުށަހަޅާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އިންތިހާބުގައި ނިކުންނަ ކެންޑިޑޭޓުންގެ ކޯޓު ކުލިއަރެންސް ހޯދުމަށް މާދަމާ ހައިކޯޓަށާއި، ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަރެކްޝަނަށް ފޯމު ހުށަހަޅައި ކުށުގެ ރިކޯޑު ސާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަފްޝަން ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަނަށް ހުށަހެޅުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެދުވަހު ފޯމު ހުށަހެޅުމަށް ހުރިހާ މެމްބަރުން އިލެކްޝަނަށް ދިއުމަށް ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތުގައި ހުރިހާ ދާއިރާތަކުންވެސް ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީންވަނީ އެދިފައެވެ.
މަޖްލިސް އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަށް ކުރިމަތިލުމަށް ވަނީ ނިންމާފައެވެ.