Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

އޮސްޓްރޭލިއާގައި ފެންބޮޑުވެ، މަގުތަކުގައި ހަރުފައާއި ކިނބޫ

ޓައުންސްވިލްގެ ގަހެއްގެ މަތީގައި ކިނބުލެއް - ފޮޓޯ: ޓްވިޓާ (ފިލް ސްޓޭލީ)

އޮސްޓްރޭލިއާގެ ކުއީންސްލެންޑްގެ ޓައުންސްވިލް ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގައި ކިނބޫ އަދި ހަރުފަތައް ގިނަވެފައިވާތީ، އެކަމަށް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން އަންގައިފި އެވެ.

އާންމު ދިރިއުޅުމަށް ބުރޫއަރާ ވަރަށް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 1،100 އަށްވުރެ ގިނަ މީހުން އެހެން ސަރަޙައްދުތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

އޮފިޝަލުންނާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރާ ގޮތުގައި ވާރޭ ވެހުން ހުއްޓުމެއްނެތި ކުރިއަށްދާނަމަ، ގާތްގަނޑަށް 20،000 ގެތަކަށް ފެންބޮޑުވުމުގެ އަސަރުކުރާނެ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވާރޭވެހޭނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.

އިމާޖެންސީ މަސައްކަތު މީހުންނާއި ސިފައިން ބުނާގޮތުގައި މިހާތަނަށް އެހީއަށްއެދި 1،000 އަށްވުރެ ގިނަ ފޯންކޯލް ލިބިފައިވާ ކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުން އުސް ސަރަޙައްދުތަކަށް ބަދަލުކުރުމުގައި ބޯޓުތަކާއި ހެލިކޮޕްޓަރުތަކުގެ ބޭނުން ދަނީ ކުރަމުންނެވެ.

ކުއީންސްލެންޑްގެ އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވި ގޮތުގައި މަގުތަކުގައި ކިނބޫ އުޅޭތަން ފެންނަމުންދާ ކަމަށާއި، ފެން ހިކޭއިރު، އާދަޔާ ޚިލާފު ތަންތަނުގައި ކިނބޫ ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ހަރުފަތަކަކީ ވެސް ވަރަށް މޮޅަށް ފަތަން ދަންނަ އެއްޗެހި ކަމަށާއި، ކުއްލިއަކަށް ހަރުފަ ފެނުމުގެ ފުރުސަތު ވެސް މިދުވަސްވަރު ބޮޑު ކަމަށެވެ.

ޓައުންސްވިލްގެ ފުލުހުން ވަނީ ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް ރައްޔިތުންނަށް އަންގާފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޓައުންސްވިލް އަށް ވަނީ 3.3 ފޫޓަށްވުރެ ބޮޑަށް ވާރޭވެހިފަ އެވެ. އެއީ އެހެން އަހަރުތަކާއި އަޅާބަލާއިރު 20 ގުނަ އިތުރު އަދަދެކެވެ.

ޓައުންސްވިލް އަށް މިހާރު ވިއްސާރަކުރަމުންދާއިރު، ދެކުނު އޮސްޓްރޭލިއާގެ ސަރަޙައްދުތަކުގެ ފިނިހޫނުމިން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން މާބޮޑަށް ހޫނުގަދަވުމުގެ ސަބަބުން ޓަސްމޭނިއާގެ ޖަންގަލިތަކުގައި އަލިފާން ވެސް ވަނީ ރޯވެފައެވެ.

މިދިޔަ ޖެނުއަރީ މަހަކީ މިހާތަނަށް އޮސްޓްރޭލިއާގައި ރެކޯޑް ކުރެވުނު އެންމެ ހޫނުގަދަ މަހެވެ.