Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ސޯމާލިއާގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 10 މަރު

ބޮމުގެ ހަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ - ފޮޓޯ: އަބްދިރަޒަކް ހުސެއިން ފަރާހް (އޭއެފްޕީ)

ސޯމާލިއާގެ ވެރިރަށް މޯގަޑިޝޫގެ ޝޮޕިންގ މޯލެއްގެ ބޭރުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 10 މީހުން މަރުވެ، އިތުރު އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސޯމާލިއާގެ ޕޮލިސް އޮފިސަރެއް ކަމުގައިވާ ކެޕްޓަން ފަރާހް އޮސްމާން އާއި ހަވާލާދީ "ސީއެންއެން" އިން ރިޕޯޓްކުރާ ގޮތުގައި އެ ހަމަލާދީފައި ވަނީ މޮގަޑިޝޫގެ ވިޔަފާރި ޑިސްޓްރިކްޓެއް ކަމުގައިވާ ހަމަރްވޭންގައި ކަމަށެވެ.

މި ހާދިސާގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އަނިޔާވި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމުގައިވެސް އުސްމާން ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު "ސީއެންއެން" އަށް ބުނި ގޮތުގައި އެ ހަމަލާގެ އަސަރު ކައިރި އިމާރާތްތަކުގެ ކުޑަދޮރުތަކަށްވެސް ކޮށްފައިވާ ކަމަށެވެ.

މި ހަމަލާގެ ޒިންމާ އަލް-ޝަބާބް އިން ވަނީ ނަގާފައެވެ.

މިދިޔަ ނޮވެމްބަރު މަހު ވެސް މޮގަޑިޝޫގައި ދިން ބޮމުގެ ހަމަލާތަކެއްގައި 52 މީހުން މަރުވެ، ގާތްގަނޑަކަށް 100 މީހުންނަށް ވަނީ އަނިޔާވެފައެވެ. އެ ހަމަލާގެ ޒިންމާ ނަގާފައި ވަނީ އަލް-ޤައިދާ އާއި ގުޅުންހުރި ޓެރަރިސްޓު ޖަމާޢަތަކުންނެވެ. އެ ހަމަލާދީފައި ވަނީ ފަތުރުވެރިންނާއި ބައިނަލްއަޤްވާމީ ނޫސްވެރިން އާންމުކޮށް އައިސް އުޅޭ ހޮޓެލެއް ކައިރިއަށެވެ.

2006 ވަނަ އަހަރުން ފެށިގެން އެ ގްރޫޕުން ދަނީ މޮގަޑިޝޫގައި އެކިއެކި ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް ގިނަ ބަޔަކު ވަނީ މަރުވެފައެވެ.