Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ކިވީ: ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ މީހުންނަށް ރަނގަޅު މޭވާއެއް

ކިވީ ފުރުޓަކީ ހުތް ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. މިއީ މިހާރު ރާއްޖެއަށް ވެސް ވަރަށް ފަސޭހަ ކަމާއެކު އެތެރެކޮށް މީހުންނަށް އަތްފޯރާފަށުން ލިބެން ހުންނަ ރަނގަޅު މޭވާއެކެވެ. ކާނާގެ ބާވަތްތަކުން މުއްސަދި ހަށިގަނޑަށް އެންމެ ފައިދާހުރި 26 ބާވަތުގެ ތެރޭގައި ކިވީ ގުނާލެވެއެވެ. ކިވީ ގައި ވެސް ތަފާތު ވިޓަމިންތަކާއި، މަޢުދަންތަކުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ.

ތަބީޢީ އެންޓި އޮކްސިޑެންޓް ތައް 4 ވަނަ އަށް އެންމެ ގިނައިންް ހުންނަނީ ކިވީ ގައި ކަމަށްވަނީ ފާހަގަކުރެވިފައެވެ.

ކިވީއިން ލިބޭ ފައިދާ ތަކަށް ބަލާއިރު މި މޭވާގައި ހިމެނޭ އެމިނޯއެސިޑް "އާރޖިނިން" އަކީ ލޭހޮޅިތައް ފުޅާކޮށްލާ މާއްދާ އެކެވެ. އެހެންކަމުން މިއީ ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ މީހުންނަށް ވަރަށް ބޮޑަށް އެހީތެރިކަން ހޯދޭނެ މޭވާ އެކެވެ.

ކިވީގައި ހިމެނޭ އެމިނޯއެސިޑް "އާރޖިނިން" އަކީ "އެންޖިއޯޕްލާސްޓީ" ހެދުމަށްފަހު، ލޭދައުރުވުން ރަގަޅުކޮށްދީ، ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ގަނޑު އުފެދުން ނުވަތަ ތަތްލުމުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.

ކިވީގައި މުހިއްމު ފައިޓޯކެމިކަލް އެއް ކަމުގައިވާ "ލޫޓީން" ހުރެއެވެ. މިއީ ފުއްޕާމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިވުމާއި ގުޅުމެއްވާ މާއްދާއެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ކިވީގައި ޑައެޓްރީ ފައިބަރުން މުއްސަނދި މޭވާއެކެވެ. ޑައެޓްރީ ފައިބަރު ފަދައިން އެކަމަކު އެއަށްވުރެ އަވަހަށް އަދި ރަގަޅަށް ބަނޑު ފަސޭހަކޮށްދޭ މާއްދާއެއް (ކޮން މާއްދާއެއްކަން އަދި ނުހޯދޭ) ކިވީގައި ހުންނަކަންވަނީ ޝައްކުކުރެވިފައެވެ. މިކަމުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖައްސަނިވި މާއްދާތައް ގޮހޮރުގެ ފާރުތަކުގައި ތަތްލުމުން ހިމާޔަތްކުރުމުގައި އެހީއަކަށް ވެދެއެވެ.

ކިވީ އަކީ ދޮންވުމުން ވެސް ފެހިކުލައިގައި ހުންނަ މަދު މޭވާތަކުގެ ތެރެއިން މޭވާ އެކެވެ. ކިވީ ދޮންވުމުން ވެސް ފެހިކުލައިގައި ހުންނަނީ އޭގައި ހިމެނޭ "ކްލޯރޯފައިލް" ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. ވަރަށް ގިނަ ދިރާސާތައް ދައްކާގޮތުގައި ކްލޯރޯފައިލް އިން އުފެދިގެން އަންނަ "ކްލޯރޯފައިލިން"އަކީ ފުރަމޭގެ ކެންސަރު އުފެދިބޮޑުވުމަށް ހުރަސްއަޅާ މާއްދާ އެކެވެ.

ކިވީގައި "އައިނޯސިޓޯލް" ހުރުމަކީ ހަކުރު ބަލި ކޮންޓްރޯ ކުރުމުގައި އީޖާބީ ދައުރެއް އަދާކޮށްފާނެ ކަމެކެވެ. ހަކުރު ބަލީގެ ސަބަބުން އަތްފައިގެ ނާރުތައް ހަލާކުވެފައިވާ މީހުންނަށް، އައިނޯސިޓޯލް ހިމެނޭ ސަޕްލިމެންޓް ދިނުމުން، ނާރުތަކުގެ މަސައްކަތް ރަގަޅުވެދާނެ ކަމަށް ބެލެވެއެވެ. ހޯރމޯންތަކާއި، ނިއުރޯޓްރާންސްމިޓަރު ތަކުގެ މަސައްކަތްތަކަށް ސެލްތައް އިޖާބަ ދިނުމުގައި އައިނޯސިޓޯލް ގެ ދައުރެއް ވެއެވެ. މިއީ "ސެލް ސިގްނަލިންގ ޕްރޮސެސް" ގައި ދެވަނަ މެސެންޖަރ އެއްގެ ދައުރު އަދާކުރާ މާއްދާއެކެވެ. މީގެ އިތުރުން މީގައި ހިމެނޭ ފައިބަރަކީ ވެސް ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ.

ހިތުގެ ބަލީގެ ޚާއްޞަ ޑޮކްޓަރުން ވިދާޅުވާގޮތުގައި، ހަށިގަނޑުގައި ސޯޑިއަމް-ޕޮޓޭސިއަމް އެކުލެވޭ ނިސްބަތަކީ ހިތުގެ ދުޅަހެޔޮކަމަށް މުހިއްމު ކަމެކެވެ. އެގޮތުން ހިތުގެ މަސައްކަތްތައް ފުރިހަމަވެ، ރަގަޅުވާނީ، ކެއުމުގައި ހިމެނޭ ސޯޑިއަމް މަދުވެފައި، ޕޮޓޭސިއަމް ގިނަވާނަމަ އެވެ. ކިވީ އަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ ކާނާގެ ބާވަތެކެވެ. އަދި ޕޮޓޭސިއަމް ގިނަވުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސް އެހީތެރިވެދޭ ކަމެކެވެ.

ކިވީގައި މެގްނީޒިއަމް ވެސް ހުރެއެވެ. މެގްނީޒިއަމް މަދުވުމަކީ ލޭމައްޗަށްދިއުމާއި، ހާރޓް އެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

ކިވީގައި "ޕެކްޓިން"ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ސަރުބީގެ މިންވަރު ދަށްވާނަމަ، ލޭހޮޅިތަކުގައި ސަރުބީ ޖަހައި، ލޭހޮޅިތައް ބެދި، ލޭމައްޗަށްދިއުމާއި، ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަވާނެ އެވެ.

ކިވީގައި ޑައެޓްރީ ފައިބަރު ވެސް ހުރެއެވެ. ފައިބަރަކީ ވެސް ހަށިގަނޑުގެ ސަރުބީ ދަށްކޮށްދޭ މާއްދާ އެކެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ދުރުކޮށްދެއެވެ.

ކިވީގައި ގިނަ އަދަދަކަށް ކެރޮޓިނޮއިޑްތައް (ބީޓާ ކެރޮޓީން، ލޫޓީން، ޒެންތޯފައިލިން)، ފީނޯލިކް ކަމްޕައުންޑްތައް ( ފްލޭވޮނޮއިޑް، އެންތޯސިއެނިން)، އަދި އެންޓި އޮކްސިޑެންޓްތައް (ވިޓަމިން ސީ ، ވިޓަމިން އީ) ހުރެއެވެ. މިމާއްދާތައް ހުރުމަކީ ހަށިގަނޑުގައި ހުންނަ ރަގަޅު ކޮލެސްޓްރޯލްތައް "އޮކްސިޑައިޒް" ވުމަށް ހުރަސްއަޅާ ކަމެއްކަމަށްވަނީ ބެލެވިފައެވެ. އަދި މިދެންނެވި އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ފްރީ ރެޑިކަލްތަކުން ލޭހޮޅީގެ ފާރަށް ލިބޭ ގެއްލުން ހިމާޔަތްކޮށްދީ، ލޭހޮޅިތައް ރައްކާތެރިކޮށްދެއެވެ.

ކިވީ އަކީ އޮމެގާ-3-ފެޓީ އެސިޑް އިން މުއްސަދި މޭވާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މިބުނި މާއްދާ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ، ހިތުގެ ބަލިތަކާއި، ސްޓްރޯކްޖެހުން ފަދަ ކަންކަމުން ދުރުކޮށްދޭނެ ކަމެކެވެ. އަދި މިއީ އޯޓިޒަމް އާއި، ތުއްތުކުދިން ކަންކަމަށް ސަމާލުކަންދިނުން ކުޑަވުމުން މިންޖުކުރުމުގައި އެހީތެރިވެދޭ މާއްދާ އެއް ވެސް މެއެވެ.

ކިވީ ގައި "ސިރޮޓޮނިން"ހުރެއެވެ. މިއީ ގިނަ މީހުންނަށް މަޑުމައިތިރިކަމާ، ހަމަޖެހުން ގެނެސްދޭ މާއްދާ އެކެވެ. އެހެންކަމުން ކިވީ އާންމުކޮށް ބޭނުންކުރާނަމަ، ދިރިއުޅުމުގެ ފިއްތުންތަކާ ދުރުކޮށްދީ، މީހާ ހިތްހަމަޖެހުމުގައި އުޅެލުމުގެ މަގުފަހިވާނެ އެވެ.

މެކިޔުލަރ ޑިޖެނެރޭޝަން އަކީ އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ބަދަލުގެނުވާ ބައްޔެކެވެ. ކިވީ އަކީ ލޫޓީން އިން މުއްސަދި މޭވާ އެކެވެ. ލޫޓީން އަކީ ލޮލުގެ އަލި ދުލީގައި ޖަމާވާ މާއްދާ އެކެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިބުނި މާއްދާ އަކީ މެކިޔުލަރ ޑިޖެނެރޭޝަން އިން ރައްކާތެރިކޮށްދީފާނެ މާއްދާ އެކެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު 3 ފަހަރަށްވުރެ ގިނައިން ކެއުމުގައި މޭވާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަން ކުރިމަތިވުމުގެ ފުރުޞަތު 36 އިންސައްތަ ދަށްކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިން ސީ، ވިޓަމިން އީ، އަދި ވިޓަމިން އޭ ކިވީގައި ހުރުމަކީ ވެސް މިބުނިކަމަށް ބާރުއަޅައިދޭ ކަމެކެވެ.