Last Updated: May 11, 06:48
Saturday, May 11, 2024
ދުނިޔެ

އެމެރިކާ ހަތިޔާރު އަލް ޤައެދާ އަތަށް!

އެމެރިކާގެ ރައީސް ކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވުމަށް ފަހު ހެދުނު އެންމެ ބޮޑު އެއްބަސްވުމަކީ އެއް ބިލިއަން ޑޮލަރުގެ އަގަށް ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކި އެއްބަސްވުމެވެ. ސައުދީގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކަމަށް ބުނެ އެމެރިކާއާ ހެދުނު އެއްބަސްވުމުން އާދައިގެ ފިސްތޯލައިން ފެށިގެން މިސައިލާ ހަމައަށް ހަތިޔާރު ފޯރުކޮށްދިނެވެ.

ނަމަވެސް މިހާރު ސައުދީ ކޯލިޝަނުގައި ހިމެނޭ ފަރާތްތަކުން އެމެރިކާއިން ވިއްކި ހަތިޔާރު އަލް ޤައެދާ އާއި އިރާނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ވިއްކާފައިވާ ކަން ފަޅާ އަރައިފިއެވެ.

ސީއެންއެންގެ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީ އާއި ޔޫއޭއީ އިން ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ސައުދީއަށް ވަފާތެރިވެ ތިބުމަށް ހަތިޔާރުތައް އަގަކާ ނުލާ ހަދިޔާކޮށްފައިވާ ކަމަށެވެ.

އެމެރިކާ ސިފައިންނާއި ކުރިމަތިލާ މިފަދަ ޖަމާއަތްތަކަށް އެމެރިކާ ހަތިޔާރު ލިބުމުން ކަންބޮޑުވެފައިވާއިރު އެމެރިކާގެ ހަތިޔާރުތަކާއި ޓެކްނޮލޮޖީ އިރާނަށް ލިބުމުން އެގައުމު އޮތީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެމެރިކާއިން ވަނީ ދާދި ފަހުންވެސް އިރާނާ ދެކޮޅަށް އަޅާފައިވާ ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކޮށްފައެވެ.

ސައުދީ އާއި ޔޫއޭއީ އިން މި ހަތިޔާރުތައް ހަނގުރާމަވެރި ޖަމާއަތްތަކަށް ވިއްކައި، ހަދިޔާކޮށްފައިވަނީ އެމެރިކާއާ ދެމެދު ވެވުނު ހަތިޔާރުގެ އެއްބަސްވުމާ ޚިލާފަށް ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ. ސީއެންއެން އިން މިޚަބަރު ރިޕޯޓުކުރުމުން އެމެރިކާގެ އޮފިޝަލަކު ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ.