Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޕެރިހުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 7 މީހުން މަރުވެއްޖެ

ފްރާންސްގެ ވެރިރަށް ޕެރިހުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރި އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 7 މީހުން މަރުވެއްޖެއެވެ.

ޑެއިލީމެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 28 މީހުންވަނީ ޒަޚަމްވެފައެވެ. އެ ސިޓީގެ ފަޔަރ ސާވިސްގެ ފަރާތުން ކްލެމެންޓް ކޮގްނަން މައުލޫމާތު ދީފައިވާ ގޮތުގައި އަދިވެސް ހާދިސާގައި ގެއްލުންވި ފަރާތްތައް ހޯދުމުގެ މަސައްކަތް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

8 ބުރީގެ އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަލިފާން ނިއްވާ ފަރާތްތަކުން އަލިފާނުން ސަލާމަތްވުމަށް ފުރާޅަށް އަރާފައިވާ ފަރާތްތަކަކާއި އެޕާޓްމަންޓުން ބޭރަށް ފުންމާލާފައިވާ ފަރާތްތަކެއް ސަލާމަތް ކޮށްފައިވާ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި ކަށަވަރުވެފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.