ސ. ހިތަދޫގައި ލިންކު ރޯޑުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ނަގައިފިއެވެ
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެތަނުގެ ތިޖޫރީ ވަގަށް ނަގާފައިވާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:01 ގައި ކަމަށެވެ. ފުލުހުން ބުނީ ވަގަށް ގެންދިޔަ ތިޖޫރީގައި ބައިލައްކަ ރުފިޔާގެ ފައިސާ ހުރި ކަމަށެވެ.
މިހާދިސާ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފީސް ހުންނަ އިމާރާތަކީ ގިނަ އަދަދެއްގެ ސެކިއުރިޓީ ކެމެރާތައް ހަރުކުރެވިފައިވާ ހިސާބެކެވެ. އަދި އެހިސާބުގެ ބައެއް ތަން ތަނުގައި ސެކިއުރިޓީންވެސް ބައިތިއްބާފައި ތިބެއެވެ.