Last Updated: April 24, 06:35
Wednesday, April 24, 2024
ދުނިޔެ

ޓައުންސްވިލްގައި ފެންބޮޑުވެ ދެ މީހުން މަރުވެއްޖެ

ޓައުންސްވިލްގައި ފެންބޮޑުވެފައި - ފޮޓޯ: އީޕީއޭ

އޮސްޓްރޭލިއާގެ ކުއިންސްލެންޑް އަށް ކުރަމުންދާ ވިއްސާރައިގައި ޓައުންސްވިލް ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން ދެ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މިއަދު ފެނިފައި ވަނީ ޕާކެއް ކައިރިން ކަމަށް މަޢުލޫމާތު ލިބެއެވެ. އެމީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ލަފާކުރެވޭ ގޮތުގައި އެއީ ހޯމަ ދުވަހު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އައި އުމުރުން 21 އަހަރާއ 23 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އޮފިޝަލުން ބުނާގޮތުގައި މިހާތަނަށް އެތައް ހާސް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި ޓައުންސްވިލް އަށް ވަނީ 3.3 ފޫޓަށް ވާރޭ ވެހިފައެވެ. އެއީ އަހަރު އެ ސަރަޙައްދައް ވެހޭ ވާރޭގެ މިންވަރެވެ.

އާދިއްތަ ދުވަހުން ފެށިގެން މިހާތަނަށް ފެންބޮޑުވުމުގެ ސަބަބުން ތަންތަނުގައި ތާށިވެފައި ތިބި 19 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 1،100 އަށްވުރެ ގިނަ މީހުން އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާއިރު، ހާލުގައި ޖެހިފައިވާ މީހުން އުސް ސަރަޙައްދުތަކަށް ބަދަލުކުރުމުގައި ބޯޓުތަކާއި ހެލިކޮޕްޓަރުތަކުގެ ބޭނުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހަރުފައާއި ކިނބޫ ވެސް ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް ވެސް ކަމާއިބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

ކުއީންސްލެންޑްގެ އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވި ގޮތުގައި މަގުތަކުގައި ކިނބޫ އުޅޭތަން ފެންނަމުންދާ ކަމަށާއި، ފެން ހިކޭއިރު، އާދަޔާ ޚިލާފު ތަންތަނުގައި ކިނބޫ ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ހަރުފަތަކަކީ ވެސް ވަރަށް މޮޅަށް ފަތަން ދަންނަ އެއްޗެހި ކަމަށާއި، ކުއްލިއަކަށް ހަރުފަ ފެނުމުގެ ފުރުސަތު ވެސް މިދުވަސްވަރު ބޮޑު ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވާރޭވެހޭނެ ކަމަށް ލަފާކުރާއިރު، ޓައުންސްވިލްގެ ފުލުހުން ވަނީ ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް ރައްޔިތުންނަށް އަންގާފައެވެ.