Last Updated: June 19, 17:58
Thursday, June 19, 2025
ޚަބަރު

ކުއްލި ހާލަތު އިއުލާންކުރީ އަޅުގަނޑުގެ އަގު ވައްޓާލަން: މައުމޫން

މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ހާދިސާއަށް މިއަދު އެއް އަހަރު ފުރުމާ ގުޅިގެން މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގާނޫނު އަސާސީގެ އުސޫލުތަކާ ޚިލާފަށް އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ނަގާލައި އަދުލު އިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށެވެ.

"މިދެންނެވި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ އަޅުގަނޑު ހައްޔަރުކުރުން ކަން ވަރަށް ސާފުކޮށް ހާމަވެގެން ދިޔައެވެ. އަދި އަޅުގަނޑުގެ އަބުރާއި އިއްޒަތް ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުން ފިލުވާލުން ކަންވެސް ފާޅުވެގެން ދިޔައެވެ." މައުމޫން ވިދާޅުވިއެވ.

އެރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންދިޔައީ އެމަނިކުފާނު ކަމަށާއި އޭގެފަހުން ދަނބިދަރިފުޅު މުހައްމަދު ނަދީމު އާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫ އަށް ގެންދިޔަކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ މިއަދަށް އެއް އަހަރު ފުރޭއިރު މުޅި ދިވެހި ގައުމަށް ހާމަވެގެން ގޮސްފައި މިވަނީ އެ ހާލަތުގެ ދަށުން އެންމެންގެ ބޮލުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމް ތަކެއް ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެއީ ވަކިމީހެއްގެ ނުވަތަ ވަކިބައެއްގެ ފައިދާއަށްޓަކައި ގާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން އެ ބޭފުޅުންގެ އަގު ވައްޓާލަން ކުރެވުނު މަސައްކަތެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުގެ އިލްތިމާސަކީ މި އަނިޔާވެރި ޢަމަލުހިންގި މީހުންނާމެދު ކަމާބެހޭ ފަރާތްތަކުން އިންސާފުވެރި ފިޔަވަޅުތައް އަޅުއްވައި ދެއްވުމެވެ. އެހެންނޫނީ ކުރިޔަށް އޮތްތާނގައިވެސް ބާރުގައި ތިބޭ މީހުން މިބާވަތުގެ އަނިޔާވެރި ޣައިރު ޤާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެއެވެ" މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.