އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީނު ކޮށްދޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމަށް ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް އިންޑިއާއިން އެހީވެދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ތިބެގެން ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރާ މައްސަލާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ހެލިކޮޕްޓަރ ރާއްޖެއިން ފޮނުވާލުމަށްވެސް އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމުގައި އިންޑިއާ ސިފައިން ތިބި ނަމަވެސް އޮޕަރޭޝަންތައް ކުރިއަށްދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ. އަދި އެކަމުގައި މައްސަލައެއްް ހުރިކަމަށް ގަބޫލް ނުކުރެވޭކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރ ދިނުމަށް ނިންމިއިރުވެސް ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް ވިސްނިކަމަށް ޝަމާލު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާގެ ދެ ހެލިކޮޕްޓަރ ފޮނުވާލުމަށް ނިންމައި، އޭގެ ބަދަލުގައި ޑޯނިއާ މަތިންދާ ބޯޓެއް ހޯދުމަށް ހުށަހެޅިއެވެ. ޝަމާލް ވިދާޅުވީ އެކަމަށް ގިނަ މުއްދަތެއް ނަގާނެކަމަށެވެ.