Last Updated: April 16, 23:13
Tuesday, April 16, 2024
މުނިފޫހިފިލުވުން

އޮސްކާ އެވޯޑް ޝޯ ހޯސްޓަކާއި ނުލައި ކުރިއަށްގެންދިއުމަށް ނިންމައިފި

ޖިމީ ކިމެލް 2018 ވަނަ އަހަރުގެ އޮސްކާ އެވޯޑްސް ހޯސްޓްކޮށްދެނީ

30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޮސްކާ އެވޯޑް ޝޯ، ހޯސްޓަކާއި ނުލައި ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

އެކެޑެމީ އެވޯޑްސް ޙަފްލާ ގެނެސްދޭ "އޭބީސީ އެންޓަޓެއިންމެންޓް" އިން ބުނާ ގޮތުގައި ހޯސްޓެއްގެ ބަދަލުގައި މި ފަހަރު އެވޯޑްތައް ހުށަހަޅައިދޭ ތަރިންނަށް ހައިލައިޓްކުރާނެ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ އޮސްކާގެ ހޯސްޓް، ކޮމީޑިއަން ކެވިން ހާޓް، އޭނާ ކުރި ޓްވީޓްތަކެއްގެ ސަބަބުން އެވޯޑް ހަފްލާ ހުށަހަޅައި ނުދިނުމަށް މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ނިންމުމާއި ގުޅިގެންނެވެ.

ކެވިން ވަނީ އޭނާ ކުރި ޓްވީޓްތަކަށް މަޢާފަށް ވެސް އެދިފައެވެ.

އާންމުކޮށް އޮސްކާ އެވޯޑް ހުށަހަޅައިދޭ ހޯސްޓަކީ އެ ޙަފްލާ ފެއްޓުމުގެ ގޮތުން ވާހަކަދައްކައި، އޯޑިއެންސްގެ މުނިފޫހިފިލުވުން ގެނެސްދޭ ފަރާތެކެވެ. މެއިން ހޯސްޓްގެ އިތުރުން އެވޯޑްތައް ހުށަހަޅައިދިނުމަށްޓަކައި އެކިއެކި މަޝްހޫރު ތަރިންތަކަށްވެސް ސްޓޭޖަށް ދައުވަތު ދެވެއެވެ.

"އޭބީސީ އެންޓަޓެއިންމެންޓް"ގެ ރައީސް ކޭރީ ބާކް ބުނީ މި އަހަރުގެ އޮސްކާ އެވޯޑް ޙަފްލާ ހޯސްޓްކޮށްދޭނީ ހަމައެކަނި އެވޯޑްތައް ހުށަހަޅައިދޭ ފަރާތްތައް ކަމަށެވެ.

މި އަހަރުގެ އެކެޑެމީ އެވޯޑްސް ޙަފްލާ އޮންނާނީ އެމެރިކާގެ ލޮސް އެންޖެލިސްގައި މި ހިނގާ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

1989 ވަނަ އަހަރު ބޭއްވި އޮސްކާ އެވޯޑް ޙަފްލާވެސް ގެނެސްދީފައި ވަނީ ހޯސްޓަކާއި ނުލައެވެ.