Last Updated: April 23, 15:56
Tuesday, April 23, 2024
ރިޕޯޓް

ފުރާވަރު: ނާޒުކު ދުވަސްވަރެއް

ފުރާވަރަކީ ވަރަށް ނާޒުކު ދުވަސްވަރެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގެ ދެވަނަ މަރުހަލާގެ ދުވަސްވަރެވެ. ފުރާވަރަކީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ފިކުރީގޮތުން ކުއްޖާއަށް ބަދަލުތަކެއް އަވަސް ގޮތަކަށް އަންނަ ދުވަސްވަރެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ފުރާވަރުކުދިން ނިސްބަތްކޮށްފައިވަނީ އުމުރުން 19-10 އަހަރާއި ދެމެދު އުމުރު ފުރާގެ ކުދިންނަށެވެ. އުމުރުން 10 އަހަރާއި 19 އަހަރުގެ ތެރޭގައި ކުޑަކުދިން ފުރާވަރަށް އެޅުމާއެކު، ހަށިގަނޑަށާއި، ވިސްނުމަށާއި ފިކުރަށް ބަދަލުތަކެއް އާދެއެވެ. މިއީ ކުދިންނަށް ވަރަށް ސަމާލުކަން ދޭންޖެހޭ ދވަސްކޮޅެކެވެ. އާއްމުގޮތެއްގައި މިއުމުރު ފުރާގައި މުޖުތަމައުއިން ލިބޭ އިބުރަތްތަކާއި، އިޖުތިމާއީ ފިލާވަޅުގެ މައްޗަށް ބިނާކޮށް އާދާކާދަތައް ކުދިން ދަސްކުރެއެވެ. އަދި އެހެންމެ، ތަފާތު ސިއްޙީ އާދަކާދަތައްވެސް އަށަގަނެއެވެ.

މިދުވަސްވަރު ދިމާވާ ސިއްޙީ މައްސަލަތަކަށް ފަރުވާތެރި ނުވާނަމަ، ދިރިއުޅުމުގައި ދަތިތަކާއު ކުރިމަތިލާންޖެހެއެވެ. އަދި މުޖުތަމައުގައި އުނދަގޫ ތަކާއި ކުރިމަތިލާންޖެހިދާނެކަމުގެ ފުރުސަތު ވެސް ބޮޑެވެ. އަދި އެކުދިންގެ މުސްތަޤްބަލުގައި އެހެނިހެން ޞިއްޙީ މައްސަލަތަކާއި ދިމާވުމަކީ ވަރަށް ގާތް ކަމެކެވެ. އާއްމުގޮތެއްގައި، ސިއްޙީގޮތުން ދިމާވާ މައްސަލަތަކަކީ ދުރާލާ ދެނެގަނެވިއްޖެނަމަ، އޭގެ ސަބަބުން ދިމާވެދާނެ އިތުރު ނުރައްކާތައް ކުޑަކޮށް ނުވަތަ އެއްކޮށްވެސް ރަނގަޅުކުރެވިދާނެ ކަންތައްތަކެވެ. އެހެންކަމުން މިއުމުރު ފުރާގައި ސިއްޙީ ގޮތުން ރަނގަޅު މަޢުލޫމާތު ދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.

ސިއްޙީ ގޮތުން ކޮންމެ ކުއްޖަކަށް ބޭނުންވާ ޚާއްސަ ކަންތައް ދެނެގަތުމާއި، އެކަމަކަށް ރިޢާޔަތް ކުރުމަކީ ފުރާވަރުގައި ދިމާވާ މައްސަލަތައް މަދުވެ ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމަށް މަގުފަހިވެގެން ދާނެކަމެކެވެ. ފުރާވަރުގެ ޞިއްޙަތު މުހިއްމުވަނީ ކީއްވެ؟ އިސްވެ ބަޔާންކުރެވުނު ފަދައިން ފުރާވަރަކީ ކުއްޖާގެ ހެދިބޮޑުވުމުގެ ދެވަނަ މަރުހަލާގެ ދުވަސްވަރެވެ. ފުރާވަރަށް އެޅުމަކީ ކުޑަކުއްޖަކު ބޮޑުމީހަކަށް ބަދަލުވާން ފެށުން ކަމަށް ބެލެވިދާނެ އެވެ. އެދުވަސްވަރު އެކުދިންނަކީ ކުޑަކުދިންނެއް ވެސް ނޫނެވެ. އަދި ބޮޑެތި މީހުންނެއް ވެސް ނޫނެވެ.

ފުރާވަރަކީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ފިކުރީގޮތުން ކުއްޖާއަށް ބަދަލުތަކެއް އަވަސް ގޮތަކަށް އަންނަ ދުވަސްވަރެކެވެ. މިއީ ވަރަށް ގިނަ ކަންތައްތައް ކުދިން ދަސްކުރާ ދުވަސްވަރެކެވެ. ފުރާވަރުގެ ކުދިންގެ ޞިއްހަތާއި، އެހެނިހެން ބަދަލުތައް ބައްޓަންވަމުންދާނީ އެމީހުން ކުރާ ކަންތައްތަކާއި، އެމީހުން އުޅޭ މާހައުލުން ފެންނަ އާދަތަކެއްގެ މައްޗަށެވެ. އެގޮތުން ފުރާވަރު ކުދިން އުޅޭ މާހައުލުން ފެންނަ ކަންތައްތަކުގެ އަސަރު މިކުދިންނަށް ވަރަށް ބޮޑަށް ކުރެއެވެ. އަދި މިދުވަސްވަރު އެކުދިންގެ ކިބައިގައި ހަރުލާ ކަންތައްތަކުގެ އަސަރު މުޅި އުމުރަށް ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ފުރާވަރުގައި ކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ވަރަށް ހަރުދަނާ ވިސްނުމެއް ގެންގުޅެން ޖެހެއެވެ.