Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ފިލިޕިންސްގައި މީސަލްސް ފެތުރެނީ، ސަމާލުވޭ!

ކެއްސުމާއި ކިނބި އެޅުމުގެ ޒަރިއްޔާއިން މީސަލްސް ފެތުރޭ - ފޮޓޯ: ޖިމް ގުޑްސަން/ސީޑީސީ/ސައިންސް ފޮޓޯ ލައިބްރަރީ

ފިލިޕިންސްގެ ވެރިރަށް މަނީލާގެ އިތުރުން އެކި ސަރަޙައްދުތަކުގައި މީސަލްސް ފެތުރެމުންދާ ކަމަށް އެޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފި އެވެ.

ފިލިޕިންސްގެ ޑިޕާޓްމަންޓް އޮފް ހެލްތު އެޕިޑެމިއޮލިޖީ ބިއުރޯ އާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރާ ގޮތުގައި 26 ޖެނުއަރީ އާއި ހަމައަށް މީސަލްސް ޖެހިގެން 1،813 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، 26 މީހުން މަރުވެފައިވާ ކަމަށެވެ. އެއީ 2018 ވަނަ އަހަރާއި އަޅައިބަލާއިރު 74%ގެ ކުރިއެރުމެކެވެ.

މީސަލްސް އަކީ ކުޑަކުދިންނާއި ޅަ ކުދިންނަށް ވަރަށް ނުރައްކާތެރި ބައްޔެކެވެ.

މީގެ އިތުރުން ވެކްސިން ނުޖަހާ ދުނިޔޭގައި 2.4 މިލިއަން ކުޑަކުދިން ތިބުމަކީ ވެސް ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ޑެންގޫ ވެކްސިންއެއް ކަމުގައިވާ ޑެންގްވެކްސިއާގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވުމާއި ގުޅިގެން އިތުރަށް ކުދިންނަށް ވެކްސިން ނުދިނުމަށް ގިނަ ބެލެނިވެރިން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ފިލިޕިންސް އިން ކަނޑައަޅާފައި ހުންނަ ރިޕްރެޒެންޓޭޓިވް ޑރ. ގުންޑޯ ވީލާ ވިދާޅުވީ ވެކްސިން ޖަހާ މިންވަރު 95% އަށްވުރެ ވެސް ދަށް ކަމަށާއި، އެ ނިސްބަތް ދުވަހުން ދުވަހަށް އިތުރަށް ދަށްވަމުންދާ ކަމަށެވެ.

2016 ވަނަ ވެކްސިން ޖަހާފައިވާ ކުދިންގެ ރޭޓް 75%ގައި ހުރިނަމަވެސް، އެ ރޭޓް ވަނީ 2017 ވަނަ އަހަރު 60% އަށް ވެއްޓިފައެވެ. އަދި ލަފާކުރެވޭ ގޮތުގައި އެ އަދަދު ވަނީ ނިމިގެންދިޔަ 2018 ވަނަ އަހަރު އިތުރަށް ދަށްވެފައެވެ.

މީސަލްސް އަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ކެއްސުމާއި ކިނބިހި އެޅުމުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭފަތުން ފޭބުމުގެ އިތުރުން ލޯ ރަތްވުމާއި ދުޅަވުން ހިމެނެއެވެ.

މީސަލްސްގެ ސަބަބުން ދިމާވާ ބްރޮންކޮނިއުމޯނިއާ އަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެންކަމުން މައްސަލައެއް ދިމާވަންދެން މަޑުނުކޮށް، ވީހާވެސް އަވަހަށް ކުދިންނަށް ވެކްސިން ދިނުމަށް ފިލިޕިންސްގެ ހެލްތު ސެކްރެޓަރީ ފްރެންސިސްކޯ ޑޫކް ވަނީ އިލްތިމާސްކޮށްފަ އެވެ.