މީގެ ކުޑައިރުކޮޅެއް ކުރިން ހިތަދޫ ލިންކު ރޯޑުގެ އީސީސީ އަށް ދާން އޮންނަ މަގާއި ދިމާލުން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި ބޮޑުވަރުވީ ޝަންގްރިއްލާގައި މަސައްކަތްކުރާ ހިތަދޫ، ޕްރިޓީވިލާ، ހަސަން އަހުމަދު (ހަސަން މަނިކާ) އަށެވެ.
މި ހާދިސާގައި ހަސަން އަހުމަދުގެ މޫނު މަތިން ބޮޑު ބައެއް ޗިސްވެފައިވާ އިރު އޭނާގެ އަތް ބިނދިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިތަލުގެ އިމަޖެންސީ ރޫމްގައި ހަސަން އަހުމަދަށް ފަރުވާ ދެމުންދާ އިރު އޭނާގެ ބޮލަށް ލިބިފައިވަނީ ކިހާ ގެއްލުމެއް ކަން އަދި ސާފެއް ނުވެ އެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ އަދަދަކަށް ލޭ ފައިބާފައި ހުއްޓެވެ.
މިހާދިސާގައި ދެ ވަނަ ސައިކަލް ދުއްވަން އިނީ މަރަދޫ ބްލޫ ޑައިމަންޑް ޒަހީނުއްދީން ސައީދު އެވެ. އެހެން ނަމަވެސް އޭނާ އަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
މި ހާދިސާގައި ހަސަން އަހުމަދު ދުއްވާފައި ދިޔަ ސައިކަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ބޭފުޅުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަ ދެ އެވެ.