Last Updated: June 19, 17:58
Thursday, June 19, 2025
ޚަބަރު

ސިޔާސަތުތައް ތަންފީޒު ކުރުމަށް ގާތުން މަސައްކަތް ކުރާނަން: މައުމޫން

ކުރީގެ ރައީސް މައުމޫން - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މައުމޫންގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައީސް ސޯލިހު މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ފުރިހަމަ ބަޔާނެއް ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހު މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ސަރުކާރު ގިނަ ސިޔާސަތުތަކެއް ހާމަކުރައްވާ، ސަރުކާރުން ފުއްދާފައިވާ ވައުދުތަކަށް އަލި އަޅުއްވާލައްވާފައެވެ.

އަދި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ. މީގެއިތުރުން މަޖިލީހުގެ ހިންގުން ވެސް މިހާރަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށާއި އަދި ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ" ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ނައިބު ރައީސުން ކަމަށްވާ، އަބްދުﷲ ޖިހާދާއި ޑރ.މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.