އެމްއެމްޕީއާރުސީގެ ކަރަޕްޝަނާއި ގުޅޭ ގިނަ ލިޔެކިއުންތައް އެއްކުރެވިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ކުރިއަށްދާއިރު އެކަމިޝަނުން އެމްއެެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ގިނަ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.
"ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެ، އެފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، ފިޔަވަޅު އެޅޭނެ،"
ރައީސް ސޯލިހު ވިދާޅުވީ އެކަމިޝަނަށް ބޭރުގެ ގައުމު ތަކުގެ ފަންނީ އެހީ ހޯދަމުން އަންނަކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފަޅާއެރި އެމްއެެމްޕީއާރުސީގެ ކަރަޕްޝަން މައްސަލާގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާވަނީ ގެއްލިފައެވެ. މިފައިސާގެ ތެރެއިން ބައެއް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އިރު އެމައްސަލަ ތަހްގީގުކޮށް ފުލުހުން ވަނީ މައްސަލަ ޕީޖީއަށް ފޮނުވާފައެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔަތުގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލިފައެވެ.