ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ތުލުސްދޫ ދާއިރާގެ ޓިކެޓު އަހުމަދު ސިއްދީގު ހޯއްދަވައިފިއެވެ.
ތުލުސްދޫ ދާއިރާގެ ޓިކެޓު ސިއްދީގު ހޯއްދެވީ މިއަދު ބޭއްވި އެ ދާއިރާގެ ޕްރައިމަރީ 203 ވޯޓާއެކު ކާމިޔާބު ކުރައްވައިގެންނެވެ. ސިއްދީގާއި އެންމެ ގާތުން މި ޕްރައިމަރީގައި ވާދަކުރެއްވި ނާއިފް ޝައުކަތަށް ލިބުނީ 136 ވޯޓެވެ. ޕްރައިމަރީގައި އިތުރު ދެ ފަރާތަކުން ވެސް ވާދަކޮށްފައިވެއެވެ. އެގޮތުން އާދަމް އިޔާޒު އަށް 78 ވޯޓު ލިބުނުއިރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަށް ލިބުނީ 2 ވޯޓެވެ.
ޕްރޮގްރަސިވް ކޯލިޝަންގެ ފަރާތުން ސިއްދީގު ވާދަކުރައްވާއިރު، މި ދާއިރާ އަށް އެމްޑީޕީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވެސް ކެންޑިޑޭޓެއް ނެރުމަށް ހަމަޖެހިފައިވެއެވެ. މި ދާއިރާ އަށް ޖުމްހޫރީ ޕާޓީން އަދި މިހާތަނަށް ކެންޑިޑޭޓެއް ނެރެފައެއް ނުވެއެވެ.
އެގޮތުން އެމްޑީޕީގެ ފަރާތުން މި ދާއިރާ އަށް ވާދަކުރައްވާނީ އަބްދުއްރާފިއުއެވެ. އަދި މައުމޫންގެ ފަރާތްޕުޅުން ތުލުސްދޫ ދާއިރާ އަށް ވާދަކުރައްވާނީ އެ ދާއިރާގެ މެމްބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.