Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަލްހާންގެ ކެމްޕޭނު ރީނދޫ ވެއްޖެ

ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ މަޖިލިސް މެމްބަރ އަލްހާން ފަހުމީގެ ކެމްޕޭނުގައި އެމްޑީޕީގެ ކުލަ، ރީނދޫ ބޭނުން ކުރަން ފަށައިފިއެވެ.

އަލްހާންގެ އެންމެ ފަހުގެ ކެމްޕޭން ޕޯސްޓަރު ރީނދޫ ކުލައިން ފަރުމާ ކޮށްފައިވާއިރު ބުނެފައިވަނީ ކުލައަކީ އޭނާއަށް މައްސަލައެއް ނޫން ކަމަށެވެ. ތަފާތު ހަތަރު ސިޔާސީ ޕާޓީއާ ގުޅިފައިވާ އަލްހާން ބުނެފައިވަނީ އޭނާ އެދެނީ ވަކި ޕާޓީއެއްގެ މެމްބަރުން ވޯޓު ދިނުމަށް ނޫން ކަމަށެވެ. އަދި ހުރިހާ ރައްޔިތުން އޭނާއަށް ވޯޓު ދިނުމަށް ކަމަށް ބުނެފައިވެއެވެ.

އަލްހާން 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި ނަމަވެސް 2014 ވަނަ އަހަރުގެ އިންތިޚާބުން ފޭދޫ ދާއިރާއިން އަލްހާން ވަނީ ބޮޑު ތަފާތަކުން ނާކާމިޔާބުވެފައެވެ.

ނިމިގެން ދިޔަ ފަސް އަހަރު ތެރޭ އެކި ޕާޓީތަކުން ފެނިގެން ދިޔަ އަލްހާން ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީނަށް ތާއީދުކުރުމަށް ފަހު އިންތިޚާބުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވުމާއެކު ޔާމީން ފަޅިން ދުރުވެ އިދިކޮޅާ ގުޅި، ޖޭޕީއަށް ސޮއިކުރިއެވެ.