Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

ކޮސްޓަ ރިކާގެ ކުރީގެ ރައީސްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު

ކޮސްޓަ ރިކާގެ ކުރީގެ ރައީސް އޮސްކާ އަރިއަސް ސަންޗޭޒް

މަޝްހޫރު ފަރާތްތަކާއި ދެކޮޅަށް ގިނަ އަދަދެއްގެ އަންހެނުން ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކުރަމުންދާ މި ދަނޑިވަޅުގައި، ކޮސްޓަ ރިކާގެ ކުރީގެ ރައީސް އޮސްކާ އަރިއަސް އާއި ދެކޮޅަށް ކުރީގެ މިސް ކޮސްޓަ ރިކާ، ޔާޒްމިން މޮރޭލްސް ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނޮބެލް ޕީސް ޕްރައިޒް ވެސް ލިބިވަޑައިގެންފައިވާ އޮސްކާ އާރިއަސް އާއި ދެކޮޅަށް ކުރީގެ ރީތީގެ ރާނީ ހުށަހެޅި މައްސަލައާއި ގުޅޭގޮތުން "ރޮއިޓާސް" އަށް ދިން އިންޓަވިއުއެއްގައި ޔާޒްމިން ބުނީ އަރިއަސް އޭނާ އަށް ޖިންސީ ފުރައްސާރަކޮށްފައި ވަނީ 2015 ވަނަ އަހަރު ސެން ހޯޒޭގައި ހުންނަ އަރިއަސްގެ ގޭގައި ކަމަށެވެ.

ޔަޒްމިން ބުނީ އޭނާގެ ނުރުހުމުގައި އަރިއަސް އޭނާ ގައިގައި އަތްލައި، ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެހާ އިޙްތިރާމްކުރާ މަޝްހޫރު މީހަކު އެފަދަ ޢަމަލެއް ކޮށްފާނެ ކަމަކަށް ހީނުކުރާ ކަމަށާއި، އަރިއަސް އެގޮތަށް ކަންތައް ކުރުމުން އޭނާ އަށް ލިބުނީ ބޮޑު ސިހުމެއް ކަމަށެވެ.

އަރިއަސް ސަންޗޭޒް އާއި ދެކޮޅަށް ޖިންސީ ގޯނާގެ އާ މައްސަލައެއް ހުށަހަޅާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއީ އަރިއަސް އާއި ދެކޮޅަށް ހުށަހެޅި މިފަދަ ދެވަނަ މައްސަލައެވެ. އޭނާ އާއި ދެކޮޅަށް ޖިންސީ ގޯނާގެ ފުރަތަމަ މައްސަލަ ހުށަހަޅާފައި ވަނީ ފެބްރުއަރީ ހަތަރުވަނަ ދުވަހު، އެންޓި-ނިއުކްލިއަރ އެކްޓިވިސްޓެއް ކަމުގައިވާ އެލެކްސެންޑްރާ އާރސް އެވެ.

އެހެންނަމަވެސް އަރިއަސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މަދުވެގެން ފަސް އަންހެނުން ވަނީ މިހާތަނަށް އުމުރުން 78 އަހަރުގެ އަރިއަސްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފަ އެވެ.