Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

ކެބެކްގެ މިސްކިތަށް ބަޑިޖަހައި ހަ މީހުން މަރާލި މީހާ އަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް

އެލެގްޒާންޑަރ ބިސޮނެޓް އަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައި - ފޮޓޯ: ފޭސްބުކް

29 ޖެނުއަރީ 2017 ވަނަ ދުވަހުގެ ރޭ ކެނެޑާގެ ކެބެކް ސިޓީގެ ސެއިންޓޭ-ފޯއިގައި ހުންނަ އިސްލާމިކް ކަލްޗުރަލް ސެންޓަރަށް ދިން ޓެރަރިސްޓް ހަމަލާގައި، ހަ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި ކެނެޑާގެ ރައްޔިތެއް ކަމުގައިވާ އެލެގްޒާންޑަރ ބިސަނެޓް އުމުރު ދުވަހަށް ޖަލަށް ލާން ޙުކުމްކޮށްފި އެވެ.

ނަމަވެސް، 40 އަހަރު ފަހުން ޕެރޯލް އަށް އޭނާ އަށް އެދެވޭނެ އެވެ. އުމުރުން 29 އަހަރުގެ އެލެގްޒާންޑަރ ވަނީ މިދިޔަ މާޗު މަހު ހަ މީހަކު މެރުމާއި، ހަ މީހަކު މެރުމަށް މަަސައްކަތް ކުރި ކަމަށް ޝަރީޢަތުގައި އެއްބަސްވެފަ އެވެ.

އޭނާ އަށް 150 އަހަރު ފަހުން ޕެރޯލް އަށް އެދެވޭ ގޮތަށް ހެދުމަށް ކޯޓުގައި އެދުނު ނަމަވެސް، މައްސަލަ ބެއްލެވި ޣާޒީ ވަނީ އެއީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ބުނެ، އެގޮތަށް ޙުކުމް އިއްވެވުމަށް އިންކާރު ކުރައްވާފައެވެ.

2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ހިނގި އެ ހާދިސާ އަކީ ޓެރަރިސްޓު ހަމަލާއެއް ނޫން ކަމަށް ކެނެޑާގެ ޕްރައިމް މިނިސްޓަރ ޖަސްޓިން ޓްރޫޑޯ ވިދާޅުވުމާއި ގުޅިގެން، ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ އެއީ ޓެރަރިސްޓު ހަމަލާއެއް ނޫން ކަމަށާއި، ނަަމަވެސް އެއީ މުސްލިމް އިމިގްރެންޓުންނަށް އަމާޒުކޮށްގެން، އަމިއްލަ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

ޕްރޮސެކިއުޓަރުން ވަނީ ބިސޮނެޓް އަށް ޖެހިޖެހިގެން ހަ ޙުކުމެއް އިއްވުމަށް، ނުވަތަ ޕެރޯލް އަށް ނޭދެވޭ ގޮތަށް 150 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރުމަށް އެދެފައެވެ. އެހެންނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ އަދަބަކީ ބަދަލު ހިފުމުގެ ރޫހުގައި ދެވޭ އެއްޗަކަށް ވެގެންނުވާނެ ކަމަށެވެ.

2011 ވަނަ އަހަރު ކެނެޑާގައި ފާސްކުރި ބިލެއްގެ ސަބަބުން، ޖެހިޖެހިގެން ހަ ޙުކުމެއް ކުށްވެރިންނަށް އިއްވުމުގެ ބާރު ފަނޑިޔާރުންނަށް މިހާރު ލިބިގެންވެ އެވެ.