Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ސްޓްރީޓް ސޮކާ 2019: ފުރަތަމަ ދެ މެޗް ޑީސީއާއި ޒެފިއާއަށް

ފޯރިގަދަ މައިލޯ ސްޓްރީޓް ސޮކާ 2019 ރޭ އައްޑޫ ސިޓީގައި ފަށާފައިވާއިރު ފުރަތަމަ ރޭގެ މެޗުތައް ޑީސީ ސްޕޯޓްސް ކުލަބާއި އެފްސީ ޒެފިއާ ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޑީސީ ސްޕޯޓްސް ކުލަބާއި އެފްސީ ސްކޫޕް ކަންމަތީގެ ވާދަވެރި ކުރިމަތިލުމެއް ފެނިގެން ގޮސްފައިވާއިރު މެޗު ނިމިގެން ދިޔައީ 0-1 އިން ޑީސީ މެޗު ކާމިޔާބުކޮށްގެނެވެ. މެޗުގެ ހަމައެކަނި ލަނޑު މޫސާ އަތޫން އިބްރާހިމް ކާމިޔާބުކޮށްފައިވާއިރު ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ، މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ރޭގެ ދެވަނަ މެޗުގައި އެފްސީ ޒެފިއާ ނިކުތީ ފްރެންޑްސް ކުލަބާ ދެކޮޅަށެވެ. މިމެޗުގެ ނަތީޖާވެސް ފުރަތަމަ މެޗުގެ ނަތީޖާއާ ތަފާތެއް ނެތެވެ. ޒެފިއާގެ އާލިފް ފަހުމީގެ ހަމައެކަނި ލަނޑުން އެޓީމަށް މޮޅު ކަށަވަރުވެފައިވާއިރު ޒެފިއާ ޓީމުން ޒުވާން ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ.

މުބާރާތުގައި މިރޭ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިރޭގެ ފުރަތަމަ މެޗުގައި އެފްސީ ފެލްކަން ނިކުންނާނީ ނެކްސަސްއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ކަޅަބެންޗާއި ކިނބިވަލުގެ ކުރިމަތިލުމެއް ފެނިގެންދާނެ އިރު ފަހު މެޗުގައި ބައްދަލުކުރާނީ އެފްސީ ރޮޗެސްޓާ އަދި ހަބޭސްއެވެ.

މައިލޯ ސްޓްރީޓް ސޮކާ އަކީ ޗެމްޕިއަން ޓީމަށް 55،000ރ. ގެ ފައިސާގެ އިނާމެއް ހުށައަޅާ، 20 ޓީމެއް ބައިވެރިވާ ފޯރިގަދަ މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ދާނީ ގަމުގެ ސްޓްރީޓް ދަނޑުގައެވެ.