Last Updated: March 28, 21:27
Thursday, March 28, 2024
މުނިފޫހިފިލުވުން

"ޔޭ ރިޝްތާ ކްޔާ ކެހެލާތާ ހޭ"ގެ ކީރްތީ އެންގޭޖްވެއްޖެ

މޮހޭނާ އާއި އޭނާގެ ލޯބިވެރިޔާ ސުޔޭޝް - ފޮޓޯ: ގޫގުލް

ސްޓާ ޕްލަސް އިން ގެނެސްދެމުން އަންނަ ޓީވީ ޝޯ "ޔޭ ރިޝްތާ ކްޔާ ކެހެލާތާ ހޭ" ގައި 'ކީރްތީ'ގެ ރޯލުން މަޝްހޫރުވެގެންދިޔަ ތަރި މޮހޭނާ ކުމާރީ ސިންގް، އޭނާގެ ލޯބިވެރިޔާ ސުޔޭޝް ރާވަތު އާއެކު އެންގޭޖްވެއްޖެ އެވެ.

ގޯއާގެ ބީޗެއްގައި ބޭއްވި އެ ޙަފްލާގައި މޮހޭނާގެ ޢާއިލާއާއި ރަޙުމަތްތެރިން ވަނީ ބައިވެރިވެފަ އެވެ.

އެންގޭޖްމެންޓް ޙަފްލާގައި މޮހޭނާ ލައިގެން ހުރީ މާޖެހި ރީނދޫ ކުލައިގެ ލެހެނގާ ޗޯލީ އެކެވެ. އަދި ސުޔޭޝް ލައިގެން ހުރީ މޮހޭނާގެ ހެދުމާއި ގުޅޭފަދަ ރަންކުލައިގެ ޝޭރްވާނީ އެކެވެ.

މޮހޭނާގެ ލޯބިވެރިޔާ އަކީ ޓީވީ އިންޑަސްޓްރީ އަށް ނިސްބަތްވާ މީހެއް ނޫނެވެ. އެނގިފައިވާ ގޮތުގައި ސުޔޭޝް އަކީ ސިޔާސީ މައިދާނުގައި މަސައްކަތްކުރާ މީހެކެވެ.

އެންގޭޖްމެންޓް ޙަފްލާގައި "ޔޭ ރިޝްތާ ކްޔާ ކެހެލާތާ ހޭ"ގައި މޮހޭނާ އާއެކު މަސައްކަތްކުރާ ކޯ-ސްޓާރުން ކަމުގައިވާ ރިޝީ ދޭވް އާއި މޮހްސިން ޚާންގެ އިތުރުން ޝިވާންގީ ޖޯޝި އަދި ސްވާތީ ޗިޓްނިސް ވެސް ބައިވެރިވި އެވެ.

ޝިވާންގީ ވަނީ އެ ޙަފްލާގެ ބައެއް ފޮޓޯތައް ފޭނުންނާއި ހިއްސާކޮށްފަ އެވެ. އެ ޙަފްލާގައި ޝިވާންގީ ލައިގެން ހުރީ ހުދު ކުލައިގެ ލެހެނގާ އަކާއި ފެހި ކުލައިގެ ޗޯލީ އެކެވެ.

މީގެ އިތުރުން ޑާންސިންގ ފްރެޓާނިޓީގައި މޮހޭނާ އާއެކު މަސައްކަތްކުރި ރައްޓެހިން ވެސް ވަނީ އެ ޙަފްލާގައި ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ކޮރިއަގްރަފަރުން ކަމުގައިވާ ކްރުތީ މަހޭޝް އާއި ޝަމްޕާ ހިމެނެއެވެ.

މޮހޭނާ އަކީ އިންޑިއާގެ ރޭވާ ސިޓީގެ ރަސްދަރިކަނބަލެކެވެ. އޭނާ އަކީ ރިއަލިޓީ ޝޯއެއްގައި ބައިވެރިވި ޝާހީ އާއިލާއެއްގެ ފުރަތަމަ އަންހެން ކުއްޖާއެވެ. މޮހޭނާ ފުރަތަމަ ފިލްމީ ދާއިރާއަށް ތަޢާރަފްވެފައި ވަނީ 2012 ވަނަ އަހަރު "ޑާންސް އިންޑިއާ ޑާންސް"ގެ ބައިވެރިއެއްގެ ގޮތުގައެވެ.

ރިޕޯޓްތައް ބުނާގޮތުން މޮހޭނާ އާއި ސުޔޭޝްގެ ކައިވެނި އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ ތެރޭގައެވެ.