Last Updated: April 24, 22:15
Wednesday, April 24, 2024
ދުނިޔެ

ގެއެއްގެ ފުރާޅު ވެއްޓި މަންމައަކާއި އޭނާގެ ތިން ކުދިން މަރުވެއްޖެ

ފޮޓޯ: މިރާ ޔޫކޭ

އިންޑިއާގެ ޗިތްރަދުރްގާ ޑިސްޓްރިކްޓްގެ ރާމާޖޯގިހައްލިގެ ގެއެއްގެ ފުރާޅު ވެއްޓި، 30 އަހަރުގެ އަންހެނަކާއި އޭނާގެ ތިން ކުދިން މަރުވެއްޖެ އެވެ.

ގަލުން ރާނާފައިވާ ފުރާޅު އެމީހުންގެ ބޮލަށް ވެއްޓިފައި ވަނީ ހަތަރު މީހުންވެސް ނިދާފައި އޮއްވައެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ ނާގަރަތްނާ އާއި އޭނާގެ ތިން ކުދިން ކަމުގައިވާ އުމުރުން 5 އަހަރުގެ ޔަޝްއަޝްވިނީ އާއި ތިން އަހަރުގެ ތިރްތަވަރްދަނާ އަދި ދޮޅު އަހަރުގެ ކޯމަލް އެވެ.

"ޓައިމްސް އޮފް އިންޑިއާ"ގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:50 ހާއިރު ކަމަށެވެ.

ފުރާޅު ވެއްޓުނު އަޑު އިވުމާއެކު އަވަށްޓެރިން ވަނީ އެހީވުމަށްޓަކައި އެ ގެއަށް ގޮސްފައެވެ. ދޮރު ހަލާކުކޮށްލުމަށްފަހު ފުރާޅު ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން އެމީހުން މަސައްކަތްކުރި ނަމަވެސް، ދިރިތިއްބައި ސަލާމަތްކުރެވުނީ އެންމެ ދެ މީހުންނެވެ.

އެއީ ނާގަރަތްނާގެ ފިރިމީހާ ކަމުގައިވާ އުމުރުން 40 އަހަރުގެ ޗަންދްރަޝޭކަރް އާއި އޭނާގެ ދައްތަގެ އަންހެން ދަރިފުޅު ކަމުގައިވާ 12 އަހަރުގެ ދޭވިކާ އެވެ. އެމީހުންނަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާއިރު، އެމީހުންނަށް ވަނީ ޗިތްރަދުރްގާ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.