Last Updated: April 25, 11:51
Thursday, April 25, 2024
ކުޅިވަރު

އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތެއް އައްޑޫގައި ބާއްވަނީ

އައްޑޫގައި ސަރަހައްދީ ފެންވަރުގެ 21 އަހަރުން ދަށުގެ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން. ބުނެފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު "އައްޑޫލައިވް"އަށް ވިދާޅުވީ މިއަހަރު އޮކްޓޫބަރު މަހުގެ ކުރީކޮޅު އައްޑޫގައި 21 އަަހަރުން ދަށުގެ ސަރަހައްދީ ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ނިންމައި، އެކަމާއި ގުޅުން ހުރި މަސައްކަތް ކުރިއަށްގެންދާކަމަށެވެ.

މޫސަ ވިދާޅުވީ ސާކު ގައުމުތަކުގެ 21 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާ މި މުބާރާތަކީ އައްޑޫގައި ސްޕޯޓްސް ޓޫރިޒަމް ތައާރަފު ކުރުމާއި އެކު ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އައްޑޫގައި އޮފިޝަލުންނާއި، ކޯޗުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އޮކްޓޫބަރު މަހުގެ ކުރީ ކޮޅު މުބާރާތް ބޭއްވުމަށްޓަކައި ގާއިމް ކުރަންޖެހޭ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އެގޮތުން ބެޑްމިންޓަން އިތުރު ކޯޓުތަކާއި އެކު ހިތަދޫ ޔޫތު ސެެންޓަރ ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

"މި ފަދަ މުބާރާތެއް އައްޑޫގައި ކާމިޔާބު ކަމާއި އެކު ބޭއްވޭނެކަމުގެ ޔަގީންކަން މިހާރުވެސް ވަރަށް ބޮޑަށް ލިބިއްޖެ، މި މުބާރާތަކީ އައްޑޫ ވަރަށް ބޮޑަށް ޕްރޮމޯޓު ވެގެންދާނެ މުބާރާތެއް، މި ސަރަހައްދުން ގާތްގަޑަކަށް 150 އެއްހާ މީހުން އަންނާނެ، އޭގެ ތެރޭގައި ކުޅުންތެރިންނާއި އޮފިޝަލުން އަދި މިމުބާރާތަކީ 21 އަހަރުން ދަށުގެ މުބާރާތަކަށް ވުމުން ފެމެލީތައްވެެސް އައުން އެކަށީގެންވޭ"

މޫސަ ވިދާޅުވީ މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ޓީމު ނެގުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްދާ އިރު މިހާރު ހަމަޖައްސާފައިވާ ގޮތުން ދިވެހި ޓީމު މުބާރާތުގެ ކުރިން އައްޑޫއަށް އައިސް ކޭމްޕުކޮށް ތަމްރީނު ހެދުމަށް ވަނީ ނިންމާފައެވެ.