Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ބަރުލަމާނީ އެއް ނުގެނެވޭނެ، އެއީ އަރުވާ އަޑެއް: ގާސިމް

ގާސިމް އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް

ބަރުލަމާނީ ނިޒާމު ރާއްޖެ އަށް ނުގެނެވޭނެ ކަމަށާއި އެއީ އަރުވާ އަޑެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ދިޔުމުން ލިބޭނެ ފައިދާއެއް އަދި މަންފައެއް ވެސް ނެތް ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ގާސިމް ފާހަގަކުރީ ރިޔާސީ ނިޒާމެއްގައި ރައީސް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ވެސް އިންތިހާބު ވަނީ ރައްޔިތުންގެ އަރިހަށް ގޮސް ހިޔާލު ހޯދުމަށްފަހު ތާއިދު ލިބިގެން ކަމެވެ.

"މި ޕޮއިންޓަށް އެކަނި ވިސްނާލިޔަސް ކާކުތޯ ގަބޫލުކުރާނީ ބަރުލަމާނީ ނިޒާމަކަށް ދާން؟ ބަރުލަމާނީ ނިޒާމުގައި މިވާ ގޮތަކީ ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެމްބަރުން އަންނަނީ ބޮޑު ވަޒީރަކަށް ވެސް. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެމްބަރަކު ހުންނާނީ މިނިސްޓަރަކަށް ވެސް. އެހެންވީމަ ޖަވާބުދާރީ ކުރުވަން ތިބޭނީ ވަރަށް މަދު ބައެއް. ދެން ކިހިނެއްތޯ ހަދަނީ. ހަތަރެސްކަން ހަމަވީ. އެހެންވީމަ މިއީ ތާކުންތާކު ޖެހޭ ނިޒާމެއް ނޫން. އެއީ ހެޔޮވާ ވަރުވާ ކަމެއް ނޫނޭ. އެއްވެސް ދިވެހި ރައްޔިތަކު އެކަން ގަބޫލެއް ނުކުރާނެ. ހަމަ ގައިމު ވެސް ހޭ ބުއްދި ސަލާމަތުން ހުރެގެނެއް" ގާސިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް ގެނައުމުން ހަރަދު ވެސް ދެ ގުނަ އަށް ބޮޑުވެގެންދާ ކަމަށާއި، އެ ނިޒާމުގައި ރައީސަކު ހުންނެވި ނަމަވެސް އެއީ ހަމަ ނަންބޯޑެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި އެ ނިޒާމުގައި ސަރުކާރު ހިންގުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރައްވާ ބޮޑުވަޒީރު ވެގެންދާނީ ކުޑަކުޑަ ތަންކޮޅަކުން ހޮވޭ ފަރާތަކަށް ކަމަށާއި އެއީ ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕްރައިމް މިނިސްޓަރު ގައުމު މި ހިންގަންޖެހެނީ. ކުޑަކުޑަ ދާއިރާ އަކުން ނުވަތަ މާލޭގައި ވެއްޖެނަމަ ކުޑަކުޑަ ތަންކޮޅަކުން ހޮވޭ މީހަކު ބޮޑުވަޒީރަކަށް ވާނީ. ރައްޔިތުން އުޅޭ ހާލެއް ބަލާލަކަށް ވެސް އޭނާ ނުޖެހޭ. އެއް އުސޫލަކުން ބަލާއިރު މިއީ ތާކުންތާކުޖެހޭ ކަމެއް ނޫން. އަނެއްކޮޅުން އެކަން ކިހިނެއްތޯ ކުރާނީ ވެސް. އެކަން ނުވެސް ކުރެވޭނެ އިނގޭތޯ. އެ ހަމަ އަޑެއް އަރުވަނީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވިއިރު ބަރުލަމާނީ ނިޒާމަކަށް އެންމެ ބޮޑަށް ވަކާލާތު ކުރަނީ އެމްޑީޕީންނެވެ. އަދި ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެނަމަ މަޖިލީހުގެ ތެރެއިން ގާނޫނުތަކަށް ބަދަލު ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެ ޕާޓީން މަސައްކަތް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.