ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ނަންތައް މަޖްލިސް އިންތިހާބުގެ ކުރިން ހާމަ ކުރުމަށް ހިތަދޫ މެދު ދާއިރާއަށް ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެންޑިޑޭޓު ޒާހިދު ރަމީޒު ގޮވާލައިފިއެވެ.
މަޖްލިސް އިންތިހާބުގެ ކުރިން އެމްއެެމްޕީއާރުސީ ކަރަޕްޝަންގައި ޝާމިލްވާ ފަރާތްތައް ހާމަކުރުމަށް ގޮވާލައި ބާއްވަން ތައްޔާރުވަމުން އަންނަ މުޒާހަރާ އާއި ގުޅިގެން ޒާހިދު ވިދާޅުވީ އޭނާ އާއި އެމްއެމްޕީއާރުސީ ކަރަޕްޝަނާއި ގުޅުމެއް ނުވާކަމަށެވެ.
"ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން މި ބޮޑު ހިޔާނާތުގައި ޝާމިލްވުމެއް ނެތްކަން، މިކަމުގައި ބައިވެރިވި މީހުން މަޖްލިސް އިންތިހާބުގެ ކުރިން ހާމަވޭހެއް ކަމަށް އުއްމީދު ކުރަން"
ޒާހިދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ 155 މީހުންގެ ލިސްޓު އާއްމު ނުކުރާތީ އާއްމު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް އެ ފައިސާއިން ބައިއެޅުނު ކަމަށް ވާހަކަ ދެކެވޭއިރު އެކަމުގެ ހަގީގަތް ހޯދުމަށް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
155 މީހެއްގެ އެކައުންޓަށް އެ ފައިސާ ވަދެފައިވާ ކަމަށް އޭސީސީން ބުނެފައިވާ އިރު އެއީ ކޮން ބައެއްކަން އޭސީސީންވެސް އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމަ ނުކުރެއެވެ.