Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އެމްޑީޕީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައެޅުމަށް މުހުލަތެއް

ރައީސް ސޯލިހާއެކު އެމްޑީޕީ ކެންޑިޑޭޓުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން ބުރާސްފަތި ދުވަހުގެ ރޭ 20:00 ގެ ކުރިން ހުށައެޅުމަށް ޕާޓީން ކެންޑިޑޭޓުންނަށް އަންގައިފިއެވެ.

ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް، އަފްޝަން ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ކެންޑިޑޭޓުން މާލީ ބަޔާން ހުށައަޅަން ޖެހޭ ފޯމެޓު މިހާރު ކެންޑިޑޭޓުންނަށް ފޮނުވާފައިވާނެ ކަމަށެވެ.

މާލީ ބަޔާން ހުށައެޅުން މަޖިލިސް މެމްބަރުންނަށް މަޖުބޫރު ކުރަން އެމްޑީޕީން މަޖިލިސް ގަވާއިދަށް ހުށައަޅާ އިސްލާހުގެ ތެރޭގައި ހިމެނޭއިރު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ މަޖިލިސް މެމްބަރުންނާއި ކެންޑިޑޭޓުންގެ ކަންތައް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ހާމަކުރުމަށް ކުރާ ކަމެއް ކަމަށެވެ.

ކެންޑިޑޭޓުން ހުށައަޅާ މާލީ ބަޔާންތައް ޕާޓީގެ ރަސްމީ ވެބްސައިޓުގައި، ހުރިހާ ރައްޔިތުންނަށް ފެނޭ ގޮތަށް ޝާއިއުކުރެވިގެން ދާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާއިރު އަދާލަތު ޕާޓީއާ އެކު ކޯލިޝަން ހަދައި 6 ދާއިރާއެއް އެޕާޓީއަށް ދިނުމާ މެދު ވަނީ މަޝްވަރާ ކޮށްފައެވެ. އަފްޝަން ބުނެފައިވަނީ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ކެންޑިޑެސީ ދޫކުރާނީ އެކެންޑިޑޭޓަކު އަމިއްލައަށް ކަމަށާއި، ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް މަޖުބޫރެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީން އޮތީ އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރަން ވަރަށް ބޮޑަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އަދި އަދާލަތު ޕާޓީން އޮތީ އެމްޑީޕީއާ އެއް ރޫހެއްގައި ކަމަށްވެސް ވިދާޅުވިއެވެ.