Last Updated: April 25, 17:49
Thursday, April 25, 2024
ޚަބަރު

ދިވެހި މަހުގެ ފައިދާ މިހާރު ލިބެނީ ތައިލޭންޑު ކުންފުންޏަކަށް: ޒަހާ

ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ހަގީގީ ފައިދާ ދިވެހި މަސްވެރިންނަށް ލިބެމުން ނުދާ ކަމަށާއި އެފައިދާ މިހާރު ލިބެނީ ތައިލޭންޑުގެ ކުންފުންޏަކަމަށް ފިޝަރީޒު މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މަސްވެރިން ބާނާ މަހުގެ ފައިދާ ދިވެހިންނަށް ހޯދައިދިނުމަށް މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ހަގީގަތުގައި ރާއްޖޭގައި މިބާނާ ގިނަ މަސް މިގެންދެވެނީ ވެލިއު އެޑެޑް ނުކުރެވި ނުވަތަ އިތުރު ގޮތަކަށް ބަދަލު ނުކުރެވި ހަމަ ގަނޑު ކުރި މަހުގެ ގޮތުގައި އެކްސްޕޯޓު ވެގެންމިދަނީ، މި ގޮސް ތައިލޭންޑުގެ ކުންފުންޏަކަށް ހަގީގަތުގައި މީގެ ފުރިހަމަ ފައިދާ މި ލިބެނީ، އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުމީ ރާއްޖޭގައި މި މަހުގެ އުފެއްދުންތައް އުފައްދާ އިތުރަށް އެއަށް އގު އިތުރު ކުރެވިވާ އަދަދެއް ހޯދައި ރާއްޖޭގެ މަސްވެރިންނަށް އިތުރު ފައިދާ ހޯދައިދޭން"

ޒަހާ ވިދާޅުވީ މިހާރު މިފްކޯގެ ހާލަތު ހުރި ގޮތުން އެކުންފުންޏަށް މަސައްކަތް ކުރެވެނީ އެއްް ދަންފަޅިއަށް ކަމަށެވެ. އަދި މިފަދަ ކަންކަން ކުރެވޭނީ ކޫއްޑޫގައި ދެ ޝިފްޓަށް މަސައްކަތް ކުރެވޭނެ ގޮތް ހެދިގެން ކަމަށެވެ.

މީގެ އިތުރުންވެސް އެކި ޒޯންތަކަށް މަސް ގަތުމަށް ހުއްދަ ބައެއް ފަރާތްތަކަށް ދޫކުރެވިފައިވީ ނަމަވެސް އެފަދަ ފަރާތްތަކަށް މަސް ނުގަނެވޭތީ މަސްވެރިންނަށް އެކަމުގެ ފައިދާ ލިބެމުން ނުދާ ކަމަށެވެ.