Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ރައީސް، ހުރާ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ކ. ހުރާ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސް އާއި ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ރަށުގެ ކައުންސިލް އިދާރާއަށާއި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ގުޅޭގޮތުން ހިއްސާކުރައްވައި، އެރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަން ހައްލުކޮށްދެއްވުމަށާއި، މިހާރު ހުރާގައި ހިއްކަމުންދާ ސަރަޙައްދު ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށްވެސް މެންބަރުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، އެ ބޭފުޅުން ވަނީ ރަށުގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލަ އޮޅުންފިލުއްވައި ދެއްވައި ބަނދަރުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ހުރާގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.