މިއަދު ހަވީރު ހިތަދޫ ލިންކު ރޯޑުން ކޮންވެންޝަން ސެންޓަރަށް ދާން އޮންނަ މަގާއި ދިމާލުން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ހިތަދޫ ޕްރިޓީވިލާ ހަސަން އަހުމަދު (ހަސަންމަނިކާ) 58އ، ގެ ހާލު ސީރިއަސްކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިރޭ "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަސަން މަނިކާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާގެ މޫނު މަތިން ގިނަ އަދަދަކަށް ލޭއައިސް މޫނުގެ ބައެއް ޗިސްވެފައިވާ ކަމަށެވެ. އަދި އިތުރަށް ޓެސްޓް ހަދައި އެކްސްރޭ ނެގި އިރު މޭ ކަށިގަނޑުގެ 9 ކަށިގަނޑު ބިނދިފައިވާ ކަމަށެވެ.
އަދި ބޮލަށް ލިބުނު ގެއްލުން މުޅިން ސާފު ނުވި ނަމަވެސް އޭނާގެ ކަންފަތުން މިހާރުވެސް ގިނަ އަދަދަކަށް ލޭފައިބަމުންދާކަމަށެވެ.
ހޮސްޕިޓަލުން ބުނީ މިހާރު އޭނާގެ ހާލު ހުރިގޮތުން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހަސަން މަނިކާ މަސައްކަތް ކުރާ ޝަންގްރިއްލާ އާއި ގުޅިގެން ކުރިއަށް ދާކަމަށެވެ.
"މި ބަލަނީ މިރޭ ދަންވަރު ފްލައިޓުން މާލެ ގެންދެވޭތޯ، އެހެން ނުވެއްޖެނަމަ ފްލައިޓް ޗާޓަރުކޮށްގެން ވެސް ގެންދަަން ޝަންގްރިއްލާ އޮތީ. އޭނާ އޮތީ އަންކޮންޝިއަސްކޮށް" އޮފިޝަލް ވިދާޅުވިއެވެ.
މިހާދިސާގައި އެކްސިޑެންޓްވި ދެވަނަ ސައިކަލް ދުއްވަން އިން މަރަދޫ ބޫލްޑައިމަންޑް ޒަހީނުއްދީން ސައީދު އަށް ވަނީ ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިއެވެ.