Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސް، މުލަކު އަތޮޅު ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މުލަކު އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އެއަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، މުލަކު އަތޮޅުގެ ރައްޔިތުންނަކީ މައިގަނޑު މަސައްކަތަކަށް ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ ރައްޔިތުންކަން ފާހަގަކުރައްވައި، އަތޮޅު ތެރޭގައި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ޒުވާނުން އެދާއިރާއަށް އިތުރަށް ޝައުގުވެރިކުރުމަށްޓަކައި ކައުންސިލުން ހުށަހަޅާ ކަންކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށްލެއްވިއެވެ.

ކައުންސިލް މެންބަރުން ވަނީ އަތޮޅުގެ ވަކިވަކި ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސް އާއި ހިއްސާކުރައްވައިފައެވެ. އެގޮތުން، ބިމުގެ ދަތިކަމާއި، ރަށް ގިރުމުގެ މައްސަލައާއި، ކުށްކުރުން އިތުރުވުމާއި، ވަޒީފާގެ ފުރުސަތު އިތުރުކުރުމާއި، އުމްރާނީ ވަސީލަތްތަކުގެ ދަތިކަން ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކުރިއެރުމަށާއި ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި، ކުރިއަށް ރާވާފައިވާ އެކިއެކި މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް އެ ބޭފުޅުން ވަނީ ރައީސް އާއި ހިއްސާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމަކީވެސް ސަރުކާރުން ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅުތައް ކަމުގައި ވިދާޅުވިއެވެ.

އަދި މުލަކަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި މައްސަލަތައް ހައްލުކުރެއްވުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.