Last Updated: July 1, 11:35
Wednesday, July 1, 2026
ޚަބަރު

ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް އެކްސިޑެންޓް ވެއްޖެ

ފުލުހުންނަސް ފިލަން ދުއްވި މީހާ ވެއްޓިފައި. ފޮޓޯ: ކިއުންތެރިއެއް.

މިރޭ އިރާކޮޅު ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް އެހެން ވެހިކަލަކުން އޯވަރޓޭކް ކުރަން އުޅެނިކޮށް ވެއްޓި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ވެހިކަލަށް ފިލަން ދުއްވި ސައިކަލުން ވެއްޓުމުން ތެދުވެ އެހިސާބުގަނޑުގެ ވަލު ތެރެއަށް ވަދެ ފިލަން އުޅެނިކޮށް ފުލުހުން ގޮސް އޭނާ އަތުލައިގެންފައިވާ ކަމަށެވެ. އަދި ފުލުހުން އޭނާ ފަަހަތުން ވަލު ތެރެއަށް ވަނުމުން ޖީބުން ކުދި ޕެކެޓްތަކެއް ނަގާ އެއްލާލި ތަން ފުލުހުންނަށް ފެނިފައިވާކަމަށެވެ.

އަދި އޭނާ އެއްލާލި ޕެކެޓްގައި ހުރީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މަރަދޫ އާއި ދިމާލުން ހިނގި މިހާދިސާއަށް ފަހު އެމީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށައް ގެނެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހްޤީޤު ކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރު ދުށް މީހަކު ބުނީ ސައިކަލުން ވެއްޓި އެކްސިޑެންޓްވެފައިވަނީ ފޭދޫ، ރަށްދެބައިގެ އިބްރާހީމް ޝަފީގް (މަރާ) ކަމަށެވެ.