އާންމު ސިއްހަތުގެ ދާއިރާ އަށް އަމާޒުކޮށް މި އަހަރު ތެރޭގައި އަައްޑޫގައި 14 ޕްރޮގްރާމެެއް ހިންގާނެ ކަމަށް އައްޑޫ ޕަބްލިކް ހެލްތު ޔުނިޓް (އޭޕީއެޗްޔޫ) އިން ބުނެފި އެވެ.
އެތަނުގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އަހަރާ އެއްގޮތަށް ކޮންމެ މަހަކު ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަހަލަ ގޮތަކަށް 2013 ވަނަ އަހަރުގެ ވޯކްޕްލޭން ވެސް ތައްޔާރުކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ރަށްރަށުގެ ޑިޕާޓްމަންޓްތަކުގެ އިސް ވެރިންނާ ވެސް ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ހިއްސާކޮށްފަ އެވެ.
މި އަހަރުގެ ވޯކް ޕްލޭންގެ ތެރޭގައި އާންމުންނަށް މައުލޫމާތު ދީ ހޭލުންތެރި ކުރުވުމުގެ އިތުރުން، ޕަބްލިކް ހެލްތު ދާއިރާގެ މުވައްޒަފުންނަށް ތަފާތު ޓްރޭނިން ޕްރޮގްރާމްތައް ވެސް ހިންގުން ހިމެނެ އެވެ. އޭޕީއެޗްޔޫ އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ފަތްޕިލާވެލީގެ ބާވަތްތައް ކެއުމަށް ހިތްވަރު ދިނުމަށް ފެށި “އީޓް ފްރެޝް ސަލަޑް” ކެމްޕޭނާއި ކަސްރަތުގެ މުހިއްމުކަން އަންގައި ދިނުމަށް ފެށި “މޭޔާސް ފިޓްނަސް” ކެމްޕޭނުގެ އިތުރުން ޑެންގޫ އިން ރައްކާވެތި ތިބުމަށް ފެށި “މަދިރި ރިޑިރިޑި” ކެމްޕޭންގެ އިތުރުން "ބެރެސްޓް ފީޑިން" އާއި "ނޯ ސްމޯކިން" އަދި "ކެންސާ އެވެއާނަސް" ޕްރޮގްރާމްތައް ހިމެނެ އެވެ.