Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މާލެ ސަރަހައްދުގައި 10 ސްކޫލު އަޅަން ނިންމިކަމަށް ނުބުނަން: މިނިސްޓަރ

މާލެ ސަރަހައްދުގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަށް އިތުރު 10 ސްކޫލް އަޅަން ނިންމާފައިވާކަމަށް ވިދާޅުނުވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އައިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ހެދި ރިޕޯޓު ނެރުމަށް ރޭ މުހްޔިއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ މިނިސްޓްރީން މާލެ ސަރަހައްދުގައި އިތުރު ސްކޫލް އެޅުމަށް ނިންމިކަމަށް ނޫން ކަމަށާއި އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރުމަށް ކުރި ދިރާސާގައި އެގޮތަށް ފާހަގަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވީ މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމި ވާހަކައެއްނޫން. އެގޮތަށް އޮޑިޓުން ދެއްކި ވާހަކަ. ދިރާސާތަކުން ދައްކާގޮތުގައި ސްކޫލެއް ފުރިހަމަގޮތުގައި ހިންގުމަށް ސްކޫލު ސައިޒު 800-1000 ގައި ބަހައްޓަން ޖެހޭ،"

މިނިސްޓަރ ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ސްކޫލްތަކުގެ ކްލާސް ރޫމާއި، ވަސީލަތް ހުންނަންޖެހޭ މިންވަރު ބަޔާންކޮށްފައިވާ އިރު އެކަން ފުރިހަމަ ކުރެވޭނީ އިތުރު 10 ސްކޫލް އިމާރާތްކޮށްގެން ފާހަގަކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅަން ނިންމާފައިވާކަމަށް މިނިސްޓަރު އައިޝަތު އަލީ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށާއި، މިނިސްޓަރ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.