Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ރާއްޖެ އަޅުވެތި ކުރުމަކީ އިންޑިއާގެ ވިސްނުމެއް ނޫން: ނަޝީދު

ރާއްޖެ އާއި އިންޑިއާއަކީ ގާތް ގުޅުމެއް އުފެދިފައިވާ ދެ ގައުމު ކަމަށާއި، މި ދިގު ތާރީހުގައި އިންޑިއާގެ މައި ސަރުކާރުން ރާއްޖެ އަޅުވެތި ކުރުމަށް އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައި ނުވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައިސީސީއާރު އަދި އިންޑިއާގެ ނެހުރޫ ޔިނިވާސިޓީގެ ދައުވަތަކަށް އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންޑިއާއިން ރާއްޖެ އަޅުވެތި ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އެއީ އިންޑިއާގެ މަސްލަހަތު ހިމެނޭ ކަމެއް ނޫންކަމަށެވެ.

"ރާއްޖޭގެ ތާރީހުގައިވެސް އިންޑިއާގެ ތާރީހުގައިވެސް އިންޑިއާގެ މައި ސަރުކާރުން ދިވެހި ރާއްޖެ އަޅުވެތި ކުރުމަށް ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުވަތަ އިސްތިގްލާލަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސްކަމެއް ކުރުމަށް އިންޑިއާ އުޅެފައި ނުވަނީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި އެކަން ހިމެނިފައިނުވާތީ"

ނަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައިވާ ގައުމަކީ އިންޑިއާކަމަށެވެ. އަދި އިންޑިއާ ސަރަހައްދުގެ އެންމެ ބޮޑު ބާރުކަމަށާއި އިންޑިއާ އާއި ރާއްޖެ ޖެހިގަނެގެން ދިވެހިންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ.

ނަޝީދު ވިދާޅުވީ ޑިމޮކްރަޓިކް އެއްވެސް ގައުމަކުން އަނެއް ގައުމުގެ މިނިވަންކަމަށް އަރައިގަތުމަކީ އެގައުމެއްގެ މަސްލަހަތުގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. އެގޮތަށް އިންޑިއާއިންވެސް ރާއްޖެ އާއި މެދު އަބަދުވެސް ދެކޭކަމަށާއި ދިވެހިންގެ މިނިވަން ކަން ގެއްލޭނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށެވެ.

ރާއްޖެ އާއި އިންޑިއާއި ދެމެދު ގުޅުން ބާއްވަން ޖެހޭ އިންތަކާއި މިންތައް ދިވެހި ސަރުކާރަށް ސާފު ކަމަށާއި، އެއްވެސް ފަރާތަކުން ގައުމު ހަލަބޮލިކޮށްލުމަށް ފުރުސަތު ނުދޭނެކަމަށެވެ.

ނަޝީދު މިމޭރުމުން ވާހަކަ ދައްކާފައިވާ އިރު ހެލިކެޕްޓަރ އޮޕަރޭޓު ކުރުމަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް ނިކުތުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވަނީ ގޮވާލާފައެވެ.