Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

ޔާމީންގެ ފަސް އަހަރު ތެރޭ ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި: ނަޝީދު

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަަށް ބުރޫ އަރާފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޗައިނާއިން ބޮޑެތި އަދަދުތަކުގެ ލޯނު ނަގައިގެން ހިންގާފައިވާ މަސައްކަތްތަކަކީ އެފައިސާ ތަކާއި އެއްފަދަ މަސައްކަތްތަކެއް ނޫންކަމަށެވެ. އެހެންވެ އެފައިސާ ނުދެއްކުމުން ޗައިނާ ބޭނުންވާނީ އެމަސައްކަތްތަކުގެ ހިއްސާކަމަށާއި އެހިސާބުން ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެކަމަށެވެ.

"ވިސްނަވާ، ބައްލަވާ، ބޮޑެތި އަދަދުތަކުގެ ލޯނު ޗައިނާއިން ނަންގަވާ، އަދި އެލޯންތަކުން ހިންގި މަސައްކަތްތަކަކީ ހަގީގަތުގައި ނެގި ލޯނާއި އެއްފަދަ އަދަދުތަކެއް ނޫން، އެެހެންވީމާ އެލޯނުން އުފެއްދި ހަރުމުދާއިން ނެރެވޭ ފައިދާއިން ލޯނު ހަމައަށް ނުދެއްކޭ، ލޯނު އަނބުރާ ނުދެއްކުނީމާ ޗައިނާ އެދޭނީ ހިއްސާއަށް، އެ ހިއްސާ އާއި އެކީ ގެއްލިގެންދާނީ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލު"

ނަޝީދު ވިދާޅުވީ ޗައިނާއިން އިންޑިއާ ކަނޑުގެތެރެއަށް ވަދެ އެގައުމުގެ މަސްލަހަތު ހިފެހެއްޓުމަށް ބޭނުންވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެފްރިކާގެ ބައެއް ގައުމުތަކާއި އަވަށްޓެރި ބައެއް ގައުމުތަކަށްވެސް ޗައިނާގެ ބޮޑެތި ލޯނުތައްދީފައިވާ ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން އެގައުމުތަކަށް ބޮޑެތި ފިއްތުންތައް ކުރިމަތިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މި ސަރުކާރުން ޗައިނާގެ މަޅިތަކުން ރާއްޖެ ސަލާމަތް ކުރާނެކަމަށެވެ.