މާލޭގައި ފުލުހުން ރޭ ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނެއްގެ ތެރޭގައި މަޑު ކުރަން އެންގި ސައިކަލެއް، މަޑު ނުކޮށް ގޮސް ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ޖެއްސި ހާދިސާ އާ ގުޅިގެން ފުލުހަކު މަރުވެއްޖެ އެވެ.
ރޭ ފަތިހު ހިނގި މި ހާދިސާގައި އަނިޔާވި ބ. ހިތާދޫ ނަސީމީވިލާ ކޮންސްޓަބަލް މިސްބާހު އަބްދުﷲ، 22، މަރުވީ އޭނާ އަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 7:45 އެހާކަށްހާ އިރު ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގެ ސަބަބުން މިޞްބާޙް ގާތްގަނޑަކަށް 80 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސް އޭނާގެ ކަނދުރާ އާއި ފައި ބިނދި ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑަށް ލިބިފައި ވެ އެވެ. މީގެ އިތުރުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަންއިން ޢުމުރުން 27 އަހަރުގެ މީހާއަކީ 2012 ސެޕްޓެމްބަރު 06 ވަނަ ދުވަހު ވަން ވޭއަކާ ޚިލާފަށް ސައިކަލް ދުވާފައި ގޮސް އެ ވަގުތު އެތަނުގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ތަކުރާރުކޮށް ފުލުހެއްގެ ގައިގައި ޖައްސައި މާރާމާރީ ހިންގުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އަދި ސައިކަލު ފަހަތުގައި އިން ޢުމުރުން 21 އަހަރުގެ މީހާއަކީ މިދިޔަ ޖެނުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރޭ ހިނގި ހާދިސާ އާ ގުޅިގެން އެ ދެ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.