Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ސައުދި އަރަބިއާ އަށް

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ސައުދި ޢަރަބިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

މިއީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ސައުދި އަރަބިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ސައުދި އަރަބިއާގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ޑރ. އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސަފްއާއި، ސަޢޫދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖެއާއި ސައުދި އަރަބިއާ އާއި ދެމެދުއޮތް ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެވޭނެ އެހީތެރިކަމާއިމެދު މިދަތުރުފުޅުގައި މަޝްވަރާކުރެވޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.