Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޗައިނާއިން ލޯނު ނެގީ ނާށިގަނޑު ހިފައިގެން ސަލާން ޖެހުން ދޫކޮށްލަން: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ފޮޓޯ: ސަން

ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ލޯނު ނެގީ އަނބުރާ ދެއްކޭނެތީ ކަމަށާއި، ނާށިގަނޑު ހިފައިގެން ސަލާން ޖެހުމުގެ ސަގާފަތާއި ދުރަށް ދިއުމަށްކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ލޯނުތައް ނެގީ އަނބުރާ ދެއްކޭނެތީ ކަމަށާއި ޗައިނާ އާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރެވުމަކީ ނާށިގަނޑު ހިފައިގެން ސަލާން ޖެހުމުގެ ސަގާފަތާއި ދުރަށް ދިއުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ޗައިނާ އާއި ރާއްޖެ އާއި ދެމެދު ގާއިމް ކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ ރައީސް ޔާމީން ސަރުކާރުގައި މިނިސްޓަރ ސައީދެވެ.

ސައީދު މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އެރިކަމަށް ވިދާޅުވެ ޗައިނާ އާއި ރާއްޖެ އާއި މެދު ޔާމީން ސަރުކާރުން ގެންގުޅުއްވި ސިޔާސަތަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ޗައިނާއިން ގައުމުތަކުގެ މާލީ ހާލަތާއި ނުބައްދަލު ލޯނު ދިނުމަށްފަހު ގައުމުތަކުގެ މިނިވަންކަމަށް ބާރު ފޯރުވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދީފައިވާ ފައިސާ ތަކުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ފަހު މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާ އާއި އެކު ދަނީ ގާތް ގުޅުންތަކެއް ގާއިމް ކުރަމުންނެވެ. އިންޑިއާއިން ވަނީ ބަޖެޓް ސަޕޯޓަށް 50 މިލިއަން ޑޮލަރު މިސަރުކާރަށްދީފައެވެ.